26 Sep 2019, 17:42
ސަރުކާރުގެ މަޝްރޫއުތައް ހަވާލުކުރާއިރު ބަލާގެ ޕްރައިޒް ސީލިން އެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެފިއެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު މީޑިއާތަކާ ބައްދަލު ކުރައްވާ ވިދާޅުވީ ވަކި އަގަކަށްވުރެ ކުޑަ މަޝްރޫއުތަކަށް ހަމައެކަނި ދިވެހި ކުންފުނިތަކަށް ކުރިމަތިލެވޭ އުސޫލެއް އެކުލަވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
"މިސާލަކަށް 100 މިލިއަނަށްވުރެ ދަށުގެ ޕްރޮޖެކްތުތަކަށް ބިޑް ކުރެވޭނި ހަމައެކަނި ދިވެހި ކުންފުނިތަކަށް އެކަންޏޭ، 100 މިލިއަނާ 200 މިލިއަނާ ދެމެދުގެ ޕްރޮޖެކްޓުތަކަށް މިސާލަކަށް ބޭރު ފަރާތަކާ ދިވެހި ކުންފުންޏަކާ ޖޭވީ (ޖޮއިންޓް ވެންޗާ) ހެދިގެން ކުރިމަތިލެވިދާނެޔޭ. އެއަށްވުރެ ބޮޑުވެއްޖެއްޔާ އެންމެންނަށް ކުރިމަތި ލެވިދާނެޔޭ، ފޮރިން ފަންޑެޑް ވިއްޔާމުން ފޮރިން ޕާޓީސް ތަކަށްވެސް ކުރިމަތި ލެވިދާނެޔޭ، އެކަމަކު ބަޖެޓުން ކުރާ ކަމެއްނަމަ 100 މިލިއަނަށްވުރެ ދަށަށް ބިޑް ކުރެވޭނީ ދިވެހި ކުންފުނިތަކަށް އެކަނި،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މި ގައިޑްލައިން އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އެ ކަމާގުޅޭ ކަރުދާސް ދެން އޮންނަ އިކޮނޮމިކް ކައުންސިލްގެ ބައްދަލުވުމަކަށް ހުށަހަޅާނެ ކަމަށެވެ.
"ބަދަލުތައް އެބަގެންނަން. ވީހާވެސް ޓްރާންސްޕޭރެންޓުކޮށް މަސައްކަތް ކުރަނީ،" މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގެ ރަށްރަށަށް 15 އެމްބިއުލާންސް ފޯރުކޮށްދިނުމަށް ހުޅުވަލި ފުރުސަތުގައި ކުޑަ އަގެއް ހުށަހެޅި ދިވެހި ކުންފުންޏަށް ބިޑް ކާމިޔާބުނުވެ، އިންޑިއާގެ ކުންފުންޏަކަށް ބިޑް ކާމިޔާބުވި މައްސަލަ ވަނީ ފެންމަތި ވެފައެވެ. އެ މައްސަލަ މިހާރު އޭސީސީ އަށް ހުށަހަޅާފައިވާއިރު، މަޝްރޫއުތަކަށ ބިޑް ކުރާއިރު އަމަލުކުރާނެ ޕްރައިޒް ސީލިން އެއް ކަނޑައަޅަނީ ދިވެހި ކުންފުނިތަކަށް އިތުރު ފުރުސަތު ދިނުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ ބިޑް އެވޯޑު ކުރާއިރު ބަލަނީ އަގަށާއި ޑެލިވަރީ ޕީރިއަޑަށް އެކަނި ނޫން ކަމަށާއި ޓެކްނިކަލް ގޮތުން ބަލަންޖެހޭ ކަންތައްތަކަށްވެސް ރިއާޔަތް ކުރާ ކަމަށެވެ.
"ޓެކްނިކަލް އިވެލުއޭޝަން އެންމެ ފުރަތަމަ ބަލަނީ. އެ އިވެލުއޭޝަނުން ފާސްވެއްޖެއްޔާ އަނެއް ހިސާބަށް މިދަނީ. ކިތަންމެ ކުރު މުއްދަތެއް އިނަސް ކިތަންމެ އަގުހެވަސް ޓެކްނިކަލް އިވެލުއޭޝަން އިން ފާސް ނުވެއްޖެއްޔާ ބިޑް ކާމިޔާބެއް ނުވާނެ،" ފިނޭންސް މިނިސްޓްރީގެ މީޑިއާ އެގްޒެކެޓިވް މުހައްމަދު ޝަނޫން މިއަދު ވިދާޅުވިއެވެ.
ޝަނޫން ވިދާޅުވީ ކޮންމެ ބިޑެއް އިވެލުއޭޓް ކުރާއިރުވެސް އެކަމާ ބެހޭ މިނިސްޓްރީގެ ބޭފުޅުން އިވެލުއޭޝަން ކޮމެޓީގައި ތިބޭނެ ކަމަށެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ މިހާރު ބިޑް ކާމިޔާބު ކުރާ ކުންފުނިތަކުގެ މައުލޫމާތު އެކަނި އާންމު ކުރިނަމަވެސް ކުރިއަށް އޮތްތަނުގައި ޓެންޑަރަށް ހުޅުވާލާ ހިސާބުން ޕްރޮޖެކްޓުގެ ސްޓޭޓަސް އާންމު ކުރަން ފަށާނެ ކަމަށެވެ.