13 Nov 2011, 14:35
އޮފީހުގެ ރަސްމީ ގަޑި ނިންމުމަށް ފަހު މުވައްޒަފުން ފިންގާޕްރިންޓް ޖެހުމަށް ކިއުގައި މަޑުކުރާ ވަގުތުކޮޅަށް ވެސް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން އިތުރުގަޑީގެ ފައިސާދޭ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް ނެރުއްވާފައިވާ އޭޖީ އޮފީހުގެ ފާއިތުވި އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނަނީ ސިވިލްސާވިސް މުވައްޒަފުން އިތުރުގަޑީގައި ކުރަން ޖެހޭ މަސައްކަތަކީ ރަސްމީގަޑީގައި ނުނިމޭ މަސައްކަތަކަށް ވާންޖެހޭނެ ކަމަށް ސިވިލް ސާވިސް ގަވާއިދުގައި ބުނެފައިވީ ނަމަވެސް އެ އޮފީހުގައި މުޅިން އެގޮތަށް އަމަލު ނުކުރާ ކަމަށެވެ.
"ސިވިލް ސާވިސްގެ ގަވާއިދުގެ 60 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އިތުރު ގަޑީގައި ކުރާ މަސައްކަތަކީ ރަސްމީގަޑީގައި އެކަނިކޮށްގެން ނިންމެން ނެތް މަސައްކަތްތަކަށް ވާންޖެހެ އެވެ. އަދި އެ މަސައްކަތަކީ، ޕާމަނަންޓް ސެކްރެޓަރީ ނުވަތަ އޮފީހުގެ ޒިންމާދާރު ވެރިޔާ ކަނޑައަޅާ އުސޫލެއްގެމަތިން ހުއްދަ ލިބިގެން ކުރާ އިތުރުގަޑީގެ މަސައްކަތަކަށް ވާންޖެހެ އެވެ. އެހެންނަމަވެސް އެޓާނީ ޖެނެރަލްގެ އޮފީހުން މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ދިނުމުގައި، އިތުރުގަޑީގެ ފައިސާ ދެވިފައި ވަނީ އެންމެ ރަނގަޅަށް ޗެކްކުރެވިފައި ނޫން ކަން ފާހަގަ ކުރެވެ އެވެ. މި ގޮތުން އޮފީހުގެ ރަސްމީގަޑި ނިންމުމަށް ފަހު ފިންގާ ޕްރިންޓް ޖެހުމަށް މުވައްޒަފުން ކިއުގައި މަޑުކުރާ ވަގުތުކޮޅަށް ވެސް އިތުރުގަޑީގެ ފައިސާ ދެމުންގެންދާ ކަމަށް ވެސް ފާހަގަ ކުރެވެ އެވެ،" އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.
މުވައްޒަފުން ރަސްމީ ގަޑި ނިންމުމަށް ފަހު ފިންގާ ޕްރިންޓް ޖެހުމަށް ކިއުގައި މަޑުކުރާ ވަގުތުކޮޅަށް އިތުރުގަޑީގެ ފައިސާ ދިނުމަކީ ސިވިލްސާވިސްގެ ގަވާއިދާ ހިލާފުކަމެއް ކަމަށްވާތީ އެކަން އިސްލާހު ކުރުމަށް ފަހު މުވައްޒަފުންގެ އިތުރުގަޑީގެ ފައިސާ ދިނުން ސިވިލްސާވިސްގެ ގަވާއިދާ އެއްގޮތަށް ކުރިއަށް ގެންދިޔުމަށް އޮޑިޓާ ޖެނެރަލް ވަނީ އޭޖީ އޮފީހަށް އަންގަވައިފަ އެވެ.
މީގެއިތުރުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުން ދައުލަތުގެ ތަނަކަށް ލިބެންވާ ފައިސާއެއް ނުލިބި އެއް މަސް ދުވަސް ވެއްޖެ ނަމަ އެ ފައިސާ ހޯދުމަށް ފިޔަވަޅު އެޅުމުގެ އިތުރުން އޮޑިޓް އޮފީހަށާއި ފިނޭންސް މިނިސްޓްރީ އަށް ލިޔުމުން ހުށަހަޅަން ޖެހޭ އިރު 2009 ވަނަ އަހަރު އޭޖީ އޮފީހަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން ޑިސެމްބަރު 2010،31ގެ ނިޔަލަށް ނުލިބިވާ 71637ރ. ނުލިބިވާ ކަން އޮޑިޓް އޮފީހަށާއި ފިނޭސް މިނިސްޓްރީ އަށް އަންގާފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓްގައިވެ އެވެ. އަދި އެފައިސާ ނުލިބި އެހާ ގިނަ ދުވަސްވީ އިރު ވެސް އެ މައްސަލަ ކޯޓަށް ހުށަހަޅާފައި ނުވާ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ސަރުކާރަށާއި އަމިއްލަ ފަރާތްތަކަށްދައްކަން ޖެހޭ ފައިސާގެ ބިލުގައި މައްސަލައެއް ނެތް ނަމަ 14 ދުވަހުގެތެ ރޭގައި ދައްކައި ނިންމަން ޖެހޭނެ ކަމަށް މާލިއްޔަތު ގަވާއިދުގައި ބުނެފައިވީ ނަމަވެސް އޭޖީ އޮފީހުން މިދިޔަ އަހަރު ހޯދާފައިވާ ބައެއް ޚިދުމަތްތަކަށް ދައްކަން ޖެހޭ ފައިސާ މިއަދާ ހަމަޔަށް ވެސް ދައްކާފައި ނުވާކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އޮޓިޓް ރިޕޯޓްގައިވާ ކަންކަމާ ބެހޭ ގޮތުން ކޮމެންޓެއް ހޯދުމަށް އޭޖީ އޮފީހުގެ އިސް އޮފީޝަލަކާ ގުޅި އިރު ފޯނަށް ޖަވާބު ނުދެއްވާތީ އެ އޮފީހުގެ ކޮމެންޓެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.