26 Sep 2019, 16:58
ބިދޭސީ މަސައްކަތްތެރިން އެތެރެކުރަން އޮޅުވާލައިގެން ކޯޓާ ހޯދުމަށް ސައްހަ ނޫން ލިޔެކިޔުންތަކެއް ހުށަހެޅި ކުންފުނިތަކުގެ ނަން ނަން އާންމުކޮށް އިކޮނޮމިކް މިނިސްޓްރީ އިން ކުރި އިއުލާނަށް ބަދަލުތަކެއް ގެނެސް، އަލުން އެ ލިސްޓު މިއަދު އާންމުކޮށްފި އެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނީ، ކުރިން ކުރި އިއުލާން ބާތިލް ކުރީ އިއްޔެ އާންމުކުރި ބަޔާނުގައި ލިޔުމުގެ ކުށެއް ހިމެނޭތީ ކަމަށެވެ.
އިއްޔެ ކުރި އިއުލާނުގައި މިހާތަނަށް ވަގު ލިޔުން ހުށަހެޅިކަމަށް ފާހަގަކުރެވިފައިވާ 13 ކުންފުންޏަކާއި ފަރާތްތަކެއްގެ ނަންތައް އާންމުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ނުވަ ކުންފުންޏަކާއި އެ ކުންފުނިތަކުގެ ރެޖިސްޓްރީ ނަންބަރާއި ހިއްސާދާރުންގެ މައުލޫމާތެވެ.
ނަމަވެސް މިއަދު އިއުލާނު ނެގުމަށްފަހު އަލުން އާންމު ކުރި އިރު، ހިއްސާދާރުންގެ މައުލޫމާތު ވަނީ އުނިކޮށްފަ އެވެ. އަދި އެއް ކުންފުނި ވެސް ވަނީ ލިސްޓުން އުނިކޮށްފަ އެވެ. ލިސްޓުން އުނިކޮށްފައި ވަނީ މިޝްކާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏެކެވެ.
މިނިސްޓްރީ އިން މިއަދު އާންމު ކުރި އިއުލާނުގައިވާ ގޮތުގައި ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީ މަސައްކަތްތެރިން ގެނައުމުގެ ހުއްދަ ހޯދަން ކޯޓާއަށް އެދި ސައްހަ ނޫން ލިޔެކިޔުންތައް ހުށަހަޅާފައިވާ ކަމަށް ފާހަގަ ކުރެވުނު 12 ކުންފުންޏެކެވެ. އެއީ؛
1) ނިއު ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް
2) ވެމްޒޯ ޕްރައިވެޓް ލިމިޓެޑް
3) ސަރަމީ ޕްރައިވެޓް ލިމިޓެޑް
4) ޒުބެއިރު އަބްދުﷲ (ރަންހިރު ފެހުން)
5) ސައިފުﷲ ހަސަން (ކިންގް ކޮންސްޓްރަކްޝަން)
6) ޖިއާޒު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
7) ނިއޯ އީކޯ ޕްރައިވެޓް ލިމިޓެޑް
8) އުސްމާން ނައީމް (ކޮމްބައިން ބިލްޑް)
9) މުހައްމަދު ފަތުހުﷲ (އެފްއެސްބީ ހޯލްޑިންސް)
10) ސަން ސިޓީ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް
11) ސިނޮޕެކް ޕްރައިވެޓް ލިމިޓެޑް
12) ވޯޓާ ޕާކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
މިނިސްޓްރީން ބުނީ ސައްހަ ނޫން ލިޔެކިޔުން ހުށަހެޅި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ފޮނުވާފައިވާ ކަމަށެވެ.
ވަގު ލިޔުންތަކާއެކު ރާއްޖެ އެތެރެވާން އުޅުނު ބިދޭސީންތަކެއް މިފަހުން ހިފަހައްޓާފައިވާއިރު ރާއްޖޭގައި މަސައްކަތްކުރާ ބިދޭސިންގެ ތެރެއިން ގާނޫނާ ހިލާފަށް މަސައްކަތްކުރާ މީހުން ގާނޫނުގެ ތެރެއަށް ވެއްދުމަށް އިކޮނޮމިކް މިނިސްޓްރީއިން ވަނީ ޕްރޮގްރާމެއް ފަށައިފަ އެވެ.
ރާއްޖެއަށް ކުރިމަތިވެފައިވާ ބިދޭސީންގެ މައްސަލަ ހައްލު ނުކުރެވިއްޖެނަމަ މަގާމުން އިސްތިއުފާ ދެއްވާނެކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ މިފަހުން ވިދާޅުވެފަ އެވެ. ގާނޫނާ ހިލާފަށް އުޅޭ ބިދޭސީންގެ ސީދާ އަދަދު ނޭނގޭކަމަށާއި ނަމަވެސް އަންދާޒާ ކުރެވޭ ގޮތުގައި އެ އަދަދު މަދުވެގެން 50،000 އަށް ވުރެން މައްޗަށް އަރާނެކަމަށް ފައްޔާޒު ވިދާޅުވިއެވެ.
އިމިގްރޭޝަނުން މީގެ ކުރިން ކުރަމުން އައި ބިދޭސީ މަސައްކަތްތެރިން ރާއްޖެ އެތެރެކުރުމަށް ދެވޭ ހުއްދައިގެ މަސައްކަތްތައް އިކޮނަމިކް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައި ވަނީ މިއަހަރުގެ މާޗް 21 ވަނަ ދުވަހު އެވެ.