ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ކުރިއަށް ގެންދާ ގޭބިސީގެ އާމްދަނީއާއި ހަރަދުކުރުން ހުރިގޮތުގެ ސާވޭ، މި މަހުގެ 28 ވަނަ ދުވަހުން ފެށިގެން މާލެ އާއި އަތޮޅުތަކުގައި ކުރިއަށް ގެންދަން ނިންމައިފިއެވެ.

މިސާވޭއަކީ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ކޮންމެ ފަސް އަހަރަކުން ކުރަމުން އަންނަ ސާވޭ އެކެވެ. އެގޮތުން އެކި އެކި ބުރުތަކަށް ބަހާލައިގެން މިފަހަރުގެ ސާވޭ ވެސް 20/2019 ވަނަ އަހަރު މާލެ އާއި އަތޮޅުތަކުގައި ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެ ބިއުރޯ އިން ބުނީ މާލޭގެ ފުރަތަމަ ބުރު، މިސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު، ހޮވާލެވިފައިވާ ސަރަހައްދުތަކުގައި ތަންތަނުގެ ލިސްޓް ނެގުމުގެ މަސައްކަތް ކުރުމަށް ހަމެޖެހިފައިވާ ކަމަށެވެ.

އަދި ގުރުއަތުން ހޮވާލެވޭ ގޭބިސީތަކެއްގައި ސާވޭގެ އިތުރު ސުވާލު ކަރުދާސްތައް ފުރުމުގެ މަސައްކަތް ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާނެއެވެ.

އަތޮޅުތަކުގައި ސާވޭގެ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ އޮކްޓޫބަރު މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެންނެވެ. މިއަހަރު ސާވޭގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރެވޭނީ ސެޕްޓެމްބަރު، އޮކްޓޫބަރު އަދި ނޮވެމްބަރު މަހުގައެވެ.

މާލޭގައި ސާވޭ ކުރުމަށް ރޭވިފައިވަނީ ހޮވާލެވޭ ޖުމްލަ 1080 ގޭބިސީއަކަށެވެ. އަދި އަތޮޅުތެރޭގެ 20 އަތޮޅުން ހޮވާލެވޭ ޖުމްލަ 4760 ގޭބިސީއެއްގައި ސާވޭ ކުރެވޭނެ ކަމަށް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނެއެވެ.

ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނީ މި މުއްދަތުގައި ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކުވެސް ހެނދުނު 09:00 އިން ހަވީރު 18:00 އާއި ދެމެދު ތަމްރީންކުރެވިފައިވާ ޓީމެއް ގޭބިސީތަކަށް ޒިޔާރަތްކުރާނެ ކަމަށެވެ.

މައުލޫމާތު އެއްކުރަން ގޭބިސީތަކަށް ޒިޔާރަތްކުރާ ފަރާތްތަކަށް ކަމާބެހޭ ލިކެކިޔުންތަކާއި ކާކުކަން އަންގައިދޭ އައިޑީ ކާޑެއް ދެވިފައިވާނެ ކަމަށް ބިއުރޯ އިން ބުންޏެވެ.

މި ސާވޭއިން އެއްކުރެވޭ ވަކިފަރުދެއް ނުވަތަ ގޭބިސީއެއްގެ މައުލޫމާތަކީ ސިއްރެއްގެ ގޮތުގައި ހިފެހެއްޓޭނެ އެއްޗެއް ކަމަށާއި މިއީ ބޮޑު ހޭދައެއް ކޮށްގެން ކުރެވޭ ގައުމީ ބޮޑުމަސައްކަތަކަށް ވުމުން، އާއްމުންގެ ފުރިހަމަ އެއްބާރުލުން ދިނުމަށް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އެދެއެވެ.