26 Sep 2019, 16:20
ތިމާވެއްޓަށް އަސަރުކުރާނެ މިންވަރު ބަޔާން ކުރާ ރިޕޯޓް، އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ނުހަދައި ފަސް ރަށެއްގެ އިންޖީނުގެ އެޅުމުގެ މަސައްކަތް ކުރުމުން ފެނަކަ ކޯޕަރޭޝަން ހަ ލައްކަ ރުފިޔާ އިން ޖޫރިމަނާ ކޮށްފި އެވެ.
އީޕީއޭ އިން ބުނީ ފެނަކަ އިން އެ ފަސް ރަށުގެ އިންޖީނުގޭގެ މަސައްކަތް ފަށާފައި ވަނީ 2017 އަދި 2018 ގައި ކަމަށެވެ. އަދި އެ ފަސް ރަށަކީ، ހއ. ތަކަންދޫ، ހދ. ފިނޭ، ނ. ހެނބަދޫ، ނ. މާޅެންދޫ އަދި ބ. ކެންދޫގެ އިންޖީނުގޭގެ މަސައްކަތް ކަމަށެވެ.
އެގޮތުން ޖޫރިމަނާއަށްވާ 600،000 ރުފިޔާ ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އީޕީއޭ އިން ވަނީ ފެނަކަ އަށް އަންގައިފަ އެވެ.
އީޕީއޭ އިން ބުނީ، ޖޫރިމާނާ ކުރުމުގައި ބަލާފައި ވާނީ އީޕީއޭއަށް ލިބުނު މައުލޫމާތުގެ އިތުރުން އީއައިއޭ ނުހަދައި މަސައްކަތް ފެށި ކަމަށް އެއްބަސްވެ އެތަނުން ފޮނުވި މައުލޫމާތުގެ މައްޗަށް ކަމަށެވެ.
އީޕީއޭ އިން ބުނީ ފެނަކަ ކޯޕަރޭޝަން ޖޫރިމަނާ ކޮށްފައި ވަނީ، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ތިމާވެއްޓަށް އަސަރުފޯރާނެ މިންބަރު ބަޔާންކުރާ ރިޕޯޓް ހެދުމާ ބެހޭ ގަވާއިދުގެ 20 ވަނަ މާއްދާގެ ހ. ގެ ދަށުން ކަމަށެވެ.