26 Sep 2019, 16:36
ކޮލަމްބޯ (ސެޕްޓެމްބަރު 26): ސްރީލަންކާގެ ޑިފެންސް ސެކްރެޓަރީ ކަމުގައި ގޯޓާބަޔަ ރާޖަޕަކްސަ ހުންނެވި އިރު އެމިނިސްޓްރީން ޒަހްރާން ހާޝިމްއަށް ފައިސާ ދިން ކަމަށް ރާޖަޕަކްސަގެ ތަރުޖަމާނު ވިދާޅުވެއްޖެ އެވެ.
ލަންކާގައި މިދިޔަ އޭޕްރިލް މަހު ދިން ހަމަލާތަކުގައި އިސްކޮށް އުޅުނު ޒަހްރާން ހާޝިމްއަށް ފައިސާ ދިން ކަމަށް ރާޖަޕަކްސަގެ ތަރުޖަމާނު ކެހެލިޔާ ރާމްބުކްވެއްލާ ވިދާޅުވީ އެގައުމުގެ ޓީވީއަކަށް ދެއްވި އިންޓަވިއުއެއްގަ އެވެ.
އެއިންޓަވިއުގައި ލަންކާގެ ޑެޕިއުޓީ މިނިސްޓަރެއް ކަމަށްވާ ނަލިން ބަންޑާރާވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި 2005 އާއި 2015އާ ދޭތެރޭ ރާޖަޕަކްސަ ޑިފެންސް ސެކްރެޓަރީ ކަމުގައި ހުންނެވި އިރު އެމިނިސްޓްރީން ހާޝިމްއަށް ފައިސާ ދެއްވި ކަމަށް ތުހުމަތު ކުރެއްވި އެވެ.
އަދި ބަންޑާރާއަށް ރައްދު ދެއްވަމުން ރާމްބުކްވެއްލާ ވަނީ ޑިފެންސް މިނިސްޓްރީން އެލްޓީޓީއީގެ ސެކަންޑް އިން ކޮމާންޑަށްވެސް ފައިސާ ދީފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އޭގެ މާނައަކީ ޑިފެންސް މިނިސްޓްރީން ހާޝިމްއަށްވެސް ފައިސާ ދިންކަން ނޫންތޯ ބަންޑާރާ ސުވާލު ކުރެއްވުމުން، ރާމްބުކްވެއްލާ ވަނީ އެކަމަށް އެއްބަސްވެފަ އެވެ.
އޭގެ ސަބަބުން ބަންޑާރާ ވަނީ ތަރުޖަމާނުގެ ވާހަކަތައް ތަހުގީގު ކުރުމަށް ފުލުހުންނަށް ގޮވާލައްވާފަ އެވެ.
އޭޕްރިލް 21ގައި ލަންކާގެ ފައްޅިތަކަށާއި ހޮޓާތަކަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާތަކުގައި 258 މީހުން މަރުވެ، 500 މީހުންނަށް އަނިޔާވި އެވެ. އަދި މަރުވި މީހުންގެ ތެރޭގައި ހާޝިމްވެސް ހިމެނެ އެވެ.
މީގެ ކުރިން، ލަންކާގެ ކުރީގެ ގަވަރުނަރަކުވެސް ވަނީ އެގައުމުގެ ޖާސޫސީ އިދާރާއިން ހާޝީމް އާއި އޭނާގެ ތައުހީތު ޖަމާއަތަށް ފައިސާ ދިން ކަމަށް ވިދާޅުވެފަ އެވެ. އަދި އެފައިސާ ދިނީ ދީނީ އެހެން ޖަމާއަތްތަކަށް ޖާސޫސު ކުރުމުގެ ގޮތުން ކަމަށް ވިދާޅުވެފަ އެވެ.
ގޯޓާބަޔަ ރާޖަޕަކްސަގެ ތަރުޖަމާނު އެވާހަކަތައް ދެއްކެވީ، އަންނަ ނޮވެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް އޭނާ ކެމްޕެއިން ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގަ އެވެ.