13 Nov 2011, 13:18
ފުރަތަމަ ޑިވިޒަންގެ އަށް ޓީމާ އެކު މި އަހަރުގެ ޤައުމީ ވޮލީ ލީގް މި މަހުގެ 17 ވަނަ ދުވަހު ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.
ވޮލީބޯލް އެސޯސިއޭޝަނުން ބުނީ، އަންނަ ބުރާސްފަތި ދުވަހު ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މުބާރާތް ފަށާ އިރު، އެ ދުވަހު ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ މެޗްގައި ބުރާސްފަތި ދުވަހުގެ ހަވީރު 5:00 ޖަހާ އިރު ބައްދަލުކުރާ ދެ ޓީމަކީ ނައިވާދޫ ޒުވާނުންގެ ޖަމްއިއްޔާ އާއި ހުސްވި އަހަރުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކުލަބެވެ. އަދި ދެ ވަނަ މެޗުގައި އެ ރޭ 8:30ގައި ބައްދަލުކުރާ ދެ ޓީމަކީ ޕޮލިސް ކުލަބާއި ކުލަބް ގްޑީސް އެވެ.
މުބާރާތުގައި ވާދަކުރާ އަށް ޓީމަކީ، ދިވެހި ސިފައިންގެ ކުލަބާއި، ޕޮލިސް ކުލަބާއި ނައިވާދޫ ޒުވާނުންގެ ޖަމްއިއްޔާ އާއި ސްޕޯޓްސް ކުލަބް ގްޑީސްއާ، ސްޕޯޓްސް ކުލަބް ސިޓީ އާއި ކުލަބް ޕީކޭ އާއި އެސްޓިއޯ އަދި ކަސްޓަމްސް އެވެ.
ވޮލީ އެސޯސިއޭޝަންގެ އޮފިޝަލަކު ބުނީ، މުބާރާތުގައި ކޮންމެ ދުވަހަކު ވެސް ދެ މެޗް ކުޅުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޮގޮތުން މުބާރާތުގެ ޗެމްޕިއަންކަން ލިބޭނީ ހުރިހާ މެޗަކުން މޮޅުވެ، އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށެވެ.
މީގެއިތުރުން އޭނަ ބުނީ، މުބާރާތުން އެންމެ ރަނގަޅު ހަތަރު ޓީމެއް 43 ވަނަ ޤައުމީ މުބާރާތަށް ކޮލިފައިވާނެ ކަމަށެވެ. އަދި ޤައުމީ މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ދެ ވަނަ ދުވަހު އެވެ.