ހޭންވޭރު އަބަދަށްފެހި މަގުގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާ އިން އިބުރަތް ލިބިގަންނަ ޖެހޭ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

ފައިސަލް ނަސީމް މިއަދު ވަނީ، އަލިފާނު ހާދިސާ ހިނގި ސަރަހައްދަށް ވަޑައިގެން އެތަނުގެ ހާލަތު ބައްލަވައި، އެތަނުގައި ސަލާމަތީ ބާރުތަކުން އަދިވެސް ކުރަމުން އަންނަ މަސައްކަތް ބައްލަވާލައްވައިފަ އެވެ.

އެ ސަރަހައްދު ބައްލަވައިލެވުމަށް ފަހު، ސަލާމަތީ ބާރުތަކާ ބައްދަލުކުރައްވައި ފައިސަލް ނަސީމް ވިދާޅުވީ، ކަމެއް ދިމާވުމުން އެކަމެއްގެ ބޮޑުކަން އެނގޭ ކަމަށާއި ނަމަވެސް ކަމެއް ދިމާވުމުގެ ކުރިން އެކަމަކަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

"މި ހާދިސާއިން ފިލާވަޅެއްގެ ގޮތުގައިވެސް ވަރަށް ބޮޑު އެއްޗެއް ލިބިގެންދޭ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންގަވާފައިވާ ގޮތަށް، ސަރުކާރުގެ އެންމެ އިސް މަސައްކަތަކީ، ގުދަން ފަދަ ތަންތަން ބަދަލު ކުރުން،" ފައިސަލް ނަސީމް ވިދާޅުވި އެވެ.

ނައިބު ރައީސް އަލިފާން ހިނގި ސަރަހައްދު ބައްލަވާލައްވަނީ --- ސަން ފޮޓޯ/ އަހުމަދު އަވް

ސަލާމަތީ ބާރުތަކުންނާއި ދިވެހި ރައްޔިތުން އަލިފާނުގެ ހާދިސާއާ ގުޅިގެން ކުރެއްވި މަސައްކަތް ފާހަގަކޮށް އެކަމަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވި އެވެ.

"އެންމެ ފުރާނައަކީ އަޅުގަނޑުމެންނަށް އަގު ނުކުރެވޭނެ އެއްޗެއް. އެއީ އަޅުގަނޑު ވަރަށް ހިތާމަ ކުރާ ކަމެއް. އެހެން ނަމަވެސް ހާދިސާގެ ބޮޑުކަމުން، މާތްﷲ އިރާދަފުޅުން އަޅުގަނޑު އުފާކުރަން އެތައްބަޔެއްގެ ފުރާނަ ސަލާމަތްވީތީވެ،" ފައިސަލް ނަސީމް ވިދާޅުވި އެވެ.

މި ހާދިސާގައި ހާލުގައި ޖެހުނު އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި މި ސަރުކާރު އޮންނާނެ ކަމަށާއި އެ އާއިލާތަަކަށް ސަރުކާރުގެ ތައުޒިޔާ ނައިބު ރައީސް ދެންނެވި އެވެ. އަދި އެފަރާތްތަކަށް އަވަސް މުސްތަގުބަލެެއްގައި އާންމު ދިރިއުޅުމަށް ދެވޭނެ ގޮތްތަކެއް ހެދުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށްވެސް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވި އެވެ.

އަބަދަށްފެހި މަގު، ހ. ތިލަފުށީ ގޭގައި ހުރި ކެމިކަލް ގުދަނުގައި ރޯވެ، ހިނގި ބިރުވެރި އަލިފާނުގެ ހާދިސާގައި އެކަކު މަރުވެ، އެ ސަރަހައްދުގެ 26 ގެއަކަށް އެކިވަރުގެ ގެއްލުންވެ، 700 އަށްވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފަ އެވެ. އޭގެ ތެރެއިން 302 މީހަކަށް އެންޑީއޭ އިން އަދިވެސް ދަނީ، ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުންނެވެ.