ޓްރާންސްޕޯޓް އޮތޯރިޓީގައި މަސައްކަތް ކުރާ ގިނަ މުވައްޒަފުންތަކެއް ވަޒީފާއިން ވަކި ކުރަން އުޅޭ ކަމުގެ ތުހުމަތުކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގައި މަސައްކަތް ކުރާ 46 މުވައްޒަފެއްގެ ސޮއިއާ އެކު މިދިޔަ އާދިއްތަ ދުވަހު ރައީސް އޮފީހަށް ހުށަހަޅާފައިވާ އެ ޕެޓިޝަނުގައި ބުނެފައިވަނީ، މުވައްޒަފުން ވަކި ކުރަން އުޅޭ ކަމުގެ އަޑު އެންމެ ފުރަތަމަ ފެތުރުނީ މި އަހަރުގެ ޖުލައި އަށް ވަނު ދުވަހު ކަމަށާއި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށް އެ އޮތޯރިޓީން އޭރު ބުނެފައިވާ ކަމަށެވެ.

އެހެން ނަމަވެސް އެކަމުގެ ހަގީގަތް ހޯދުމަށް އެ މުވައްޒަފުން ގިނަ މަސައްކަތްތަކެއް ކުރިކަން ސިޓީގައި ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން ދިގު އިންތިޒާރީ އަކަށްފަހު މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު އެ މުވައްޒަފުން ވަނީ ޕާމަނަންޓް ސެކްރެޓަރީ ބައްދަލު ކޮށްފަ އެވެ. އެ ބައްދަލުވުމުން ޕީއޭސް ދެއްވި ޔަގީން ކަމަކީ ބައެއް މުވައްޒަފުން ވަކި ކުރުމުގެ ލަފަޔަކަށް އެދި ސިވިލް ސާވިސްއަށް ފޮނުވާފައިވާ ކަން ކަމަށް އެ ސިޓީގައި ވަނީ ބުނެފަ އެވެ.

"މުވައްޒަފުންގެ ހާޟިރީ ރިޕޯޓް ކުއްލިއަކަށް ނެގުމަށްފަހު 3 ވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައި ފާހަގަކޮށް ގިނަ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރުމަކީ އެންމެ އިންސާފުވެރިގޮތް ކަމަށް އަޅުގަނޑުމެން ނުދެކެމެވެ،" ރައީސަށް ފޮނުވި ޕެޓިޝަން ސިޓީގައި ވެއެވެ.

ވަޒީފާއިން ވަކި ކުރުމަށް ނިންމާފައިވާ މުވައްޒަފުންނަށް މީގެ ކުރިން ދުވަހަކު ވެސް އަނގަބަހުން ނަސޭހަތެއް ނުވަތަ ލިޔުމުން ނަސޭހަތެއް ދީ އިންޒާރެއް ދީފައި ނުވާކަން ސިޓީގައި ވަނީ ބުނެފަ އެވެ.

ކުއްލި ގޮތަކަށް ގިނަ މުވައްޒަފުންތަކެއް ވަކި ކުރުމުގެ މަސައްކަތް ފަށާފައި ވަނީ، ރައީސްގެ ލާފާފުޅަށް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވި ކަމަށް އެ ސީޓީގައި ވަނީ ތުހުމަތު ކޮށްފަ އެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ރައްޔިތުންނަށް ނިކަމެތިކަމެއް ލިބޭނެ ކަމެއް ކޮށްފާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ވެސް ވަނީ ބުނެފަ އެވެ. އަދި އެ މުވައްޒަފުން އެދިފައިވަނީ އެއްވެސް މީހަކު ހައްގަކާއި ނުލައި ވަޒީފާއިން ވަކި ނުކުރުމަށެވެ.