ބ. ތުޅާދޫ ކައުންސިލް މެންބަރު އުމެއިރާ އަބޫބަކުރު ކައުންސިލް މެންބަރު ކަމުން ވަކި ނުވާކަމަށް ކަނޑައަޅައި ދިނުމަށް ތުޅާދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ މެދު އެ ކޯޓުން ފައިސަލާ ކުރަނިވި ހުކުމެއް ކުރުމުގެ ކުރިން، މި މަހުގެ 19 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވާ ތުޅާދޫ ކައުންސިލްގެ ބައި އިލެކްޝަން ހުއްޓުވައި ދިނުމުގެ އަމުރަކަށް އުމައިރާ ހައި ކޯޓުގައި އެދިއްޖެ އެވެ.

އުމެއިރާ މިއަދު ވިދާޅުވީ ތުޅާދޫ ކައުންސިލްގެ ބައި އިލެކްޝަން ހުއްޓުވައިދިނުމުގެ ވަގުތީ އަމުރަކަށް އެދި ހައި ކޯޓަށް އޭނާ މައްސަލަ ހުށަހަޅާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑު ތުޅާދޫ ކައުންސިލް މެންބަރުކަމުން ވަކިނުވޭ. އެހެންވެ އަޅުގަނޑު ތުޅާދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައި އޮންނާނެ އަޅުގަނޑު މެންބަރު ކަމުން ވަކިނުވާ ކަމަށް ކަނޑައަޅައިދި ނުމަށް. އަޅުގަނޑު ހައި ކޯޓަށް ހުށަހެޅީ އެ މައްސަލައާ މެދު ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން ވަކި ގޮތެއް ނިންމުމުގެ ކުރިން ތުޅާދޫ ކައުންސިލްގެ ބައި އިލެކްޝަން ނުބޭއްވޭނެ ކަމަށް ކަނޑައަޅައިދިނުމަށް،" އުމެއިރާ ވިދާޅުވި އެވެ.

ޑީއާރުޕީން މިއަދު ބުނީ ތުޅާދޫ ކައުންސިލްގެ ބައި އިލެކްޝަން މި މަހުގެ 19 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައި ވަނީ އިޖުރާއީ ގޮތުން ބަލަންވާ ވަރަށް ނުބަލައި ކަމަށާއި އެހެން ކަމުން އެ ކައުންސިލްގެ ބައި އިލެކްޝަން ނުބޭއްވޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އެ ޕާޓީން ވެސް މާދަމާ ހައިކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށެވެ.

އިލެކްޝަންސްކޮމިޝަނުން ކުރިން ބުނެފައި ވަނީ އަންނަ ނޮވެންބަރު19،ގައި ތުޅާދޫ ކައުންސިލްގެ ބައި އިލެކްޝަން ބޭއްވުމަށް އެކޮމިޝަނުން ނިންމީ ތުޅާދޫ ކައުންސިލުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ލިޔުންތަކަށް ބަލާއިރު އުމެއިރާ އެ ކައުންސިލުން ވަކިވެއްޖެ ކަމަށް އެ ކޮމިޝަނަށް ގަބޫލުކުރެވޭތީ ކަމަށެވެ.