19:00


ސުނާމީގައި ހަލާކުވި ބަނދަރުތަކުގެ ތެރެއިން ހަ ބަނދަރެއް މަރާމާތު ކުރުމަށް ފިނޭންސް މިނިސްޓްރީން ބީލަމަށް ލައިފި އެވެ.


ފިނޭންސް މިނިސްޓްރީން ބީލަން ހުށަހެޅުމަށް ބީލަމަށް ލާފައިވާ ރަށްތަކަކީ ބ. ދަރަވަންދު އާއި، ކ.ކާށިދު އާއި. ބ. ގޮއިދު އާއި، އއ. މަތިވެރި އާއި، ތ. ހިރިލަންދޫ އަދި ގއ. ދެއްވަދޫ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.


މި ރަށްތަކުގެ ބަނދަރު ހެދުމަށްޓަކައި އޭޝިޔަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި އޯޕެކު ފަންޑުން ލޯނު ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ. އަދި މި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ބީލަން ހުށަހެޅުމަށް ވެސް ފިނޭންސް މިނިސްޓްރީން ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވެ އެވެ.


ރައްޔިތުންގެ މަޖިލީހުގައި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ކުރެއްވި ސުވާލަކަށް މަޖިލީހުގައި ޖަވާބު ދެއްވަމުން ޓްރާންސްޕޯޓް މިނިސްޓަރ މުޙައްމަދު އަސްލަމް ދާދި ފަހުން ވިދާޅުވެފައި ވަނީ، ރާއްޖޭގެ ރަށްތަކުގެ ތެރެއިން 66 ބަނދަރެއް މިހާރުން މިހާރަށް މަރާމާތު ކުރަންޖެހިފައިވާ ކަމަށެވެ. އަދި މިހާތަނަށް އެއްގޮތަކަށް ވެސް ބަނދަރެއް ހެދިފައިނުވާ ބައެއް ރަށްރަށް ހުރިކަން ވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ. ނަމަވެސް މި ހުރިހާ ބަނދަރުތަކެއް ހަދަން ހޭދަކުރަންޖެހޭ ފައިސާގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށް ވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ.