އދ. (ސެޕްޓެމްބަރު 26): ސްރީލަންކާއިން މިދިޔަ މަހު އައްޔަން ކުރި އަސްކަރިއްޔާގެ ވެރިޔާއާ މެދު އދ.އިން ނުރުހުން ފާޅުކޮށް، އެޖަމްއިއްޔާގެ ސުލްހަ ބަލަހައްޓާ މިޝަންތަކުގައި ލަންކާ ސިފައިން ބައިވެރި ނުކުރަން ނިންމައިފި އެވެ.

ލަންކާ އަސްކަރިއްޔާގެ ކޮމާންޑަރު ކަމަށް މިދިޔަ މަހު އައްޔަން ކުރީ ލެފްޓެނެންޓް ޖެނެރަލް ޝަވެންދުރަ ސިލްވާ އެވެ.

އދ.އިން 2015 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި އެޖަމްއިއްޔާއިން ވަނީ ލަންކާގެ ދާހިލީ ހަނގުރާމައިގެ ތެރޭގައި ސިލްވާ އިންސާނީ ހައްގުތަކާއި އިންސާނިއްޔަތާ ހިލާފު އަމަލުތައް ކުރެއްވި ކަމަށް ތުހުމަތުކޮށްފަ އެވެ.

އަދި މީގެ ކުރިން އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފްގެ ގޮތުގައި ހުންނެވި ސިލްވާ ސިފައިންގެ ކޮމާންޑަރު ކަމަށް އައްޔަން ކުރުމުން އދ.އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"ލަންކާގެ އެނިންމުމާ ގުޅިގެން، އދ.ގެ ޑިޕާޓްމެންޓް އޮފް ޕީސް އޮޕަރޭޝަންސްއިން ވަނީ މުސްތަގުބަލުގައި ލަންކާގެ ފައުޖުތައް [މިޝަންތަކުގައި] ބައިވެރިކުރުން ހުއްޓާލަން ނިންމާފަ،" ލަންކާގެ ފައުޖުތައް ދެން ބޭނުން ކުރާނީ އިތުރު އެހެން ގޮތެއް ނެތުމުން ކަމަށް ފާހަގަ ކުރައްވާ އދ.ގެ ތަރުޖަމާނު ފަރުހާން ހައްގު ވިދާޅުވި އެވެ.

އދ.ގެ ރިޕޯޓުގައިވާ ގޮތުން 26 އަހަރަށް ދެމިގެން ދިޔަ ލަންކާގެ ދާހިލީ ހަނގުރާމައިގެ ތެރޭގައި އެގައުމުގެ ސިފައިން ވަނީ ގާނޫނުތަކާ ހިލާފަށް މީހުން މަރާ، ޖިންސީ އަދި އެހެނިހެން އަނިޔާކޮށް، އިންސާނީ އެހީ ފޯރުކޮށްދޭ ތަންތަނަށް ހަމަލާ ދީފަ އެވެ. އަދި ސިލްވާ އިސްވެ ހުރި ސިފައިންގެ ޑިވިޝަނުން ވަނީ ހޮސްޕިޓަލަކަށާއި އދ.ގެ އިމާރާތަކަށް ހަމަލާދީފަ އެވެ.

ސިލްވާ ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ދޮގުކުރައްވާފަ އެވެ.