26 Sep 2019, 09:27
މިދިޔަ ހަފްތާ ތެރޭގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ސަބަބުން ދެގައުމުގެ ދެމެދުގައި ސިޔާސީ ގޮތުން އިތުބާރު ބޮޑުވެފައިވާ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލީ ޖޮންގް ވިދާޅުވެއްޖެ އެވެ.
ޗައިނާގެ 70 ވަނަ ގައުމީ ދުވަސް ފާހަގަކުރުމަށް ރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސަފީރު ވިދާޅުވީ ޗައިނާ އަކީ ރާއްޖޭގެ ތަރައްގީއަށް މުހިންމު ބައިވެރިއެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ތަކުރާރުކޮށް ވިދާޅުވެފައިވާ ކަމަށެވެ.
ސަފީރު ވިދާޅުވީ މިނިސްޓަރުގެ ދަތުރުފުޅުގެ ސަބަބުން ދެގައުމު ގުޅިގެން އިތުރު ކާމިޔާބީތައް ހޯދި، ގުޅުން އިތުރު ހަރުފަތަކަށް ގެންދެވޭނެ ކަމަށެވެ.
"މިނިސްޓަރު ޝާހިދުގެ ދަތުރުގެ ސަބަބުން ސިޔާސީ ގޮތުން ދެގައުމުގެ ދެމެދުގައި އޮތް އިތުބާރު ބޮޑުވެ، މުސްތަގުބަލުގައި ރާއްޖެ އާއި ޗައިނާގެ ގުޅުން އިތުރަށް ރަނގަޅު ވެގެންދާނެ،" ސަފީރު ވިދާޅުވި އެވެ.
ސަފީރު ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި ހާރިޖީ ގުޅުން ގާއިމުކުރިތާ 47 އަހަރު ވެފައިވާއިރު، މި ގުޅުމަކީ ބޮޑު ގައުމަކާއި ކުޑަ ގައުމެއްގެ ދެމެދު އޮންނަން ޖެހޭ ފަދަ ނަމޫނާ ގުޅުމެއްކަން ދައްކައިދީފައިވާ ކަމަށެވެ.
އަދި މިހާރު ރާއްޖެ-ޗައިނާ ގުޅުން މުޅިން އާ ފެށުމަކަށް އައިސްފައިވާ ކަމަށާއި ގުޅުން އިތުރަށް ބަދަހިކުރުމަށް ރާއްޖެއާ ގުޅިގެން މަސައްކަތް ކުރުމުގެ އިތުރުން، ޗައިނާއިން އަބަދުވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ސަފީރު ވަނީ ދެއްވައިފަ އެވެ.
މިއަދުގެ ސަރުކާރާ ޗައިނާއާ ގުޅުން ގޯސްވަމުންދާ ކަމަށް ގިނަ ބަޔަކު ބުނަމުން ދިޔަ ދަނޑިވަޅުގައި ފޮރިން މިނިސްޓަރު ޗައިނާއަށް ދަތުރުފުޅެއް ކުރެއްވި އިރު، އެ ދަތުރުފުޅުގައި ވަނީ ރާއްޖެ އާއި ޗައިނާއާ ތިން ދާއިރާއަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކެއްގައި ސޮއިކޮށްފަ އެވެ.
ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ ވިދާޅުވީ ރާއްޖޭގައި ކޮންމެ ސަރުކާރެއް އޮތަސް ރާއްޖޭގެ ތަރައްގީއަށް ޗައިނާއިން އެހީތެރިވާނެ ކަމަށެވެ.