ބިދޭސީ މަސައްކަތްތެރިން އެތެރެކުރަން ހުއްދަ ހޯދުމަށްޓަކައި ކޯޓާއަށް އެދި އޮޅުވާލައިގެން ސައްހަ ނޫން ލިޔެކިޔުންތަކެއް ހުށަހެޅި ފަރާތްތަކުގެ ނަން އާންމުކޮށް އިކޮނޮމިކް މިނިސްޓްރީ އިން އިއްޔެ ކުރި އިއުލާން ސަރުކާރުގެ ގެޒެޓުން ނަގައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީގެ އިއުލާން ގެޒެޓުން ނެގީ ކީއްވެތޯ މިނިސްޓްރީއާ ސުވާލު ކުރުމުން އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލު ވިދާޅުވީ އިއުލާނަށް ބަދަލުތަކެއް ގެންނަންޖެހޭތީ ގެޒެޓުން އިއުލާނު ނެގީ ކަމަށެވެ.

އެ ނެގި އިއުލާނުގައި މިހާތަނަށް ވަގު ލިޔުން ހުށަހެޅިކަމަށް ފާހަގަކުރެވިފައިވާ 13 ކުންފުންޏަކާއި ފަރާތްތަކެއްގެ ނަންތައް އާންމުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ނުވަ ކުންފުންޏަކާ އި އެ ކުންފުނިތަކުގެ ރެޖިސްޓްރީ ނަންބަރާއި ހިއްސާދާރުންގެ މައުލޫމާތާ ވެސް އެކު އެވެ.

އެ ފަރާތްތަކަކީ:

1) ނިއު ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް

2) މިޝްކާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް

3) ވެމްޒޯ ޕްރައިވެޓް ލިމިޓެޑް

4) ސަރަމީ ޕްރައިވެޓް ލިމިޓެޑް

5) ޒުބެއިރު އަބްދުﷲ (ރަންހިރު ފެހުން)

6) ސައިފުﷲ ހަސަން (ކިންގް ކޮންސްޓްރަކްޝަން)

7) ޖިއާޒު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

8) ނިއޯ އީކޯ ޕްރައިވެޓް ލިމިޓެޑް

9) އުސްމާން ނައީމް (ކޮމްބައިން ބިލްޑް)

10) މުހައްމަދު ފަތުހުﷲ (އެފްއެސްބީ ހޯލްޑިންސް)

11) ސަން ސިޓީ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް

12) ސިނޮޕެކް ޕްރައިވެޓް ލިމިޓެޑް

13) ވޯޓާ ޕާކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

މިނިސްޓްރީ އިން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވަނީ ވަގު ލިޔުން ހުށަހެޅި މައްސަލަ ފުލުހުންނަށް ހުށަހަޅައި އެ މައްސަލަތައް ބަލަމުންދާކަމަށެވެ.

އިއްޔެ އާންމު ކުރި ލިސްޓުގައި ސަރުކާރުގެ ގިނަ މަސައްކަތްތަކެއް ހަވާލުކޮށްފައިވާ ކުންފުންޏެއްވެސް ހިމެނެއެވެ.

އިއްޔެ އާންމު ކުރި އިއުލާނު ގެޒެޓުން ނަގާފައިވާއިރު، ގެންނަންޖެހޭ ބަދަލުތައް ގެނެސް އަލުން އިއުލާނު ކުރެވޭނެ ދުވަހެއް ބުނަން ނޭނގޭކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ބުންޏެވެ.

ވަގު ލިޔުންތަކާއެކު ރާއްޖެ އެތެރެވާން އުޅުނު ބިދޭސީންތަކެއް މިފަހުން ހިފަހައްޓާފައިވާއިރު ރާއްޖޭގައި މަސައްކަތްކުރާ ބިދޭސިންގެ ތެރެއިން ގާނޫނާ ހިލާފަށް މަސައްކަތްކުރާ މީހުން ގާނޫނުގެ ތެރެއަށް ވެއްދުމަށް އިކޮނޮމިކް މިނިސްޓްރީއިން ވަނީ ޕްރޮގްރާމެއް ފަށައިފަ އެވެ.

ރާއްޖެއަށް ކުރިމަތިވެފައިވާ ބިދޭސީންގެ މައްސަލަ ހައްލު ނުކުރެވިއްޖެނަމަ މަގާމުން އިސްތިއުފާ ދެއްވާނެކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ މިފަހުން ވިދާޅުވެފަ އެވެ. ގާނޫނާ ހިލާފަށް އުޅޭ ބިދޭސީންގެ ސީދާ އަދަދު ނޭނގޭކަމަށާއި ނަމަވެސް އަންދާޒާ ކުރެވޭ ގޮތުގައި އެ އަދަދު މަދުވެގެން 50،000 އަށް ވުރެން މައްޗަށް އަރާނެކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އިމިގްރޭޝަނުން މީގެ ކުރިން ކުރަމުން އައި ބިދޭސީ މަސައްކަތްތެރިން ރާއްޖެ އެތެރެކުރުމަށް ދެވޭ ހުއްދައިގެ މަސައްކަތްތައް އިކޮނަމިކް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައި ވަނީ މިއަހަރުގެ މާޗް 21 ވަނަ ދުވަހު އެވެ.