ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާ ގުޅިގެން މަސައްކަތް ކުރުމަށް ރާއްޖެއިން އެއްބަސްވެ، ރާއްޖޭގެ ކަނޑުގެ 20 ޕަސެންޓަކީ ރައްކާތެރި ކުރެވިފައިވާ ސަރަހައްދުތައް ކަމުގައި ހެދުމަށް އަމާޒުހިފައިފި އެވެ.

ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާ ގުޅިގެން މަސައްކަތް ކުރުމަށް ރާއްޖެއިން އެއްބަސްވީ ރޭގައެވެ.

ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނަކީ ނޫ އިގްތިސޯދު ކުރިއަރުވާ، ކަނޑުތަކުގެ ރައްކާތެރިކަމަށް ފުޅާ ދާއިރާއެއްގައި މަސައްކަތްކުރާ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ބައިނަލްއަގުވާމީ ވިއުގައެކެވެ.

ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ބްލޫ ޕްރޮސްފެރިޓީ ކޯލިޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ވައިޓް ފައުންޑޭޝަންގެ ޗެއާމަން ޓެޑް ވައިޓްއެވެ.

އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްކެވި ވާހަކައިގައި ވިދާޅުވީ އިގްތިސޯދީ ކުރިއެރުން ހާސިލު ކުރެވޭނީ އަދި ކުރަންވާނީ ވެސް ކަނޑުތަކާ ރައްޓެހި އާދަތަކެއްގެ ތެރެއިން ކަމަށެވެ.

ކަނޑުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނުން ކުރާ މަސައްކަތް ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ އެޖަމާއަތުގެ ސިފަތަކާ އަސާސްތަކަކީ ރާއްޖެއިންވެސް ގަބޫލުކުރާ ކަންތައްތަކެއް ކަމަށެވެ.

އަދި ކަނޑުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ވަގުތުން ވަގުތަށް ފިޔަވަޅު އެޅުމުގެ މުހިންމުކަން ހާމަކުރައްވައި އިގްތިސޯދީ ކުރިއެރުން ހާސިލުކުރުމުގައި ކަނޑުތަކާ ރައްޓެހި އާދަތަކެއް، ސައިންޓިފިކް ހޯދުންތަކުގެ އެހީގައި ހޯދައި އެގޮތަށް އަމަލުކުރުމުގެ މުހިންމުކަން ރައީސް ފާހަގަ ކުރެއްވިއެވެ.

މި އެއްބަސްވުމުގެ ދަށުން، ރާއްޖެއާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނުން ގުޅިގެން ދެމެހެއްޓިނިވި ދުރު ރާސްތާ ޕްރޮގްރާމެއް އެކަށައެޅުމަށާއި ރާއްޖޭގެ ކަނޑުފަޅުގެ މާހައުލުގެ ދިރުންތައް ދެމެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

އޭގެ ތެރޭގައި ސަރަހައްދީ ކަނޑުތަކާއި ޖަޒީރާ ކަނޑުތަކާއި އެކްސްކްލޫސިވް އިކޮނޮމިކް ޒޯން ވެސް ހިމެނެއެވެ. މިކަމުގެ ސަބަބުން ސައިންސާއި އިލްމީ ހޯދުންތަކުގެ އަލީގައި ރާއްޖޭގެ ކަނޑުފަޅުގެ ދިރާސާތައް ކުރުމަށް މަގުފަހިވެ، އާންމު ފަރާތްތަކާއި ސައިންސްވެރިންގެ މަސައްކަތްތަކަށް ވެސް އެހީތެރިކަން ލިބިގެންދާނެއެވެ.

އެއްބަސްވުމުގައިވާ ގޮތުން ހަ އަހަރު ދުވަހުގެ މުއްދަތަށް ތައްޔާރުކުރެވޭ މި ޕްރޮގްރާމްގެ ތެރެއިން ސަރުކާރުން އަމާޒުހިފާފައިވަނީ ރާއްޖޭގެ ކަނޑުތަކުގެ 20 އިންސައްތައަކީ ރައްކާތެރިކުރެވިފައިވާ ކަނޑުގެ ސަރަޙައްދުތަކަށް ހެދުމަށެވެ.

ޕްރޮގްރާމްގައި ހިމެނޭ އިތުރު ކަންކަން:

  • އޭޝިއާ ބައްރުގެ ކަނޑުގައި އުޅޭ ކަޅުބިލަމަހުގެ ރިޒާވް މެނޭޖްކުރުމަށް ސަރަހައްދީ އެއްބާރުލުން ހޯދަން މަސައްކަތް ކުރުން

  • ނޫ އިގްތިސޯދު ކުރިއެރުވުމަށް ޕްރޮގްރާމެއް އެކުލަވާލައި ކަނޑުގެ ދިރުންތައް ދެމެހެއްޓުމުގައި ބަލަންޖެހޭ ކަންތައްތަކާއި އެއްގޮތައް އަމަލުކުރޭތޯ ބެލުން ވެސް

ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކަނޑުތަކާ ގުޅޭގޮތުން ސައިންސްވެރިން ހޯދާ ހޯދުންތަކުގެ އަލީގައި ކަނޑުފަޅުގެ ދިރުންތައް ދަމަހައްޓައި، ކަނޑުތައް ބެލެހެއްޓުމުގައި ރާއްޖެއިން ކުރާ މަސައްކަތަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭނެކަމުގައި ވިދާޅުވެފައެވެ.

އަދި ކަނޑުތަކުގެ ރައްކާތެރިކަމަކީ ރާއްޖޭގެ ގައުމީ މަސްލަހަތާ ގުޅި ލާމެހިފައިވާ ކަމަކަށް ވާއިރު ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާ ގުޅިގެން ފަށާ މި މަސައްކަތަކީ ދެފަރާތައްވެސް ވަރަށް ފައިދާހުރި ގުޅުމަކަށް ވާނެކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ބްލޫ ޕްރޮސްޕެރިޓީ ފައުންޑޭޝަންގެ މަގްސަދަކީ އެ ޖަމާއަތުގައި ބައިވެރިވެފައިވާ ގައުމުތަކާ ގުޅިގެން ދުނިޔޭގެ ކަނޑުގެ 30 އިންސައްތަ ރައްކާތެރި ކުރުމެވެ.