26 Sep 2019, 07:48
ދެކުނު ކޮރެއާގެ މަޝްހޫރު ޔޫޓިއުބަރު ޖޭ ކިމް އެންމެ ފަހުން އިސްލާމްވެއްޖެއެވެ.
ޖޭ އަކީ ކުރިން ކްރިސްޓިއަނެކެވެ.
ޖޭ އިސްލާމްވިކަން ހާމަކުރީ އިއްޔެ އޭނާގެ ޔޫޓިއުބުގައި އާންމުކުރި ވީޑިއޯއެއްގައެވެ. އިސްލާމްވުމާއެކު އެތަކެއް ބަޔަކު އޭނާއަށް ދަނީ މަރުހަބާކިޔަމުންނެވެ.
ޖޭ އިސްލާމް ދީން ގަބޫލުކުރިއިރު މީގެ ކުރިން އެތަކެއް ފަހަރަކު ވަނީ އިސްލާމްވާން ބޭނުންވާކަމުގެ ޝައުގުވެރިކަން ފާޅުކޮށްފައެވެ. ނަމަވެސް މިހާތަނަށްވެސް އިސްލާމް ދީނަށް ވަނުމާމެދު އޮތީ ގޮތެއް ނުނިންމައެވެ.
އިސްލާމްވުމުގެ ކުރިން ޖޭ ވަނީ އެތަކެއް ފަހަރަކު އޭނާގެ މަންމައާއެކު ވީޑިއޯތަކުގައި އިސްލާމް ދީނާމެދު ވާހަކަ ދައްކައިފައެވެ. އިސްލާމް ދީން ގަބޫލުކުރުމާ ބެހޭގޮތުން ޖޭގެެ މަންމަ ބުނީ އޭނާ ބޭނުންވަނީ ދަރިފުޅު ކްރިސްޓިއަނެއްގެ ގޮތުގައި ދެމިހުރުމަށްކަމަށެވެ. ނަމަވެސް ކުރީގެ ވީޑިއޯތަކާ ހިލާފަށް ފަހުގެ ވީޑިއޯތަކުގައި އޭނާގެ މަންމަ ވަނީ އިސްލާމްދީނާމެދު ކުރިން ދެކެމުން އައި ގޮތް ބަދަލުވެފައިވާ ކަމަށް ބުނެފައެވެ.
ޖޭ އިސްލާމްވުމަށް ފަހު "ދާވޫދު" ގެ ނަން ރަމްޒީ ނަމެއްގެ ގޮތުގައި ބޭނުންކުރުމަށް ވަނީ ނިންމައިފައެވެ.
ދެކުނު ކޮރެއާގެ އާބާދީގައި ހިމެނެނީ ކްރިސްޓިއަނުންނާއި ބުދު ދީނުގެ މީހުންނެވެ. ކޮރެއާގައި މުސްލިމުންގެ އާބާދީއަކީ ވަރަށް ވަރަށް މަދެވެ.