ދުނިޔޭގެ އެންމެ ފުރަތަމަ "ޕާލޭ ފިއުޗަރ އައިލެންޑް ނޭޝަން" އަކީ ދިވެހިރާއްޖެ ކަމުގައި އިއުލާނުކޮށްފިއެވެ.

އެކަން އިއުލާނުކޮށްފައިވަނީ އދ.ގެ އާންމު މަޖިލީހުގެ ބައްދަލުވުމެއްގެ ގޮތުގައި ކުރިއަށްދިޔަ ދެމެހެއްޓެނިވި ތަރައްގީގެ އަމާޒުތަކާބެހޭ ވިޔަފާރި ފޯރަމުގައެވެ. އެ ބައްދަލުވުމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިއަދު ބޭއްވި އެ ދަންފަޅީގައި ކުދި ޖަޒީރާ ގައުމެއްގެ ގޮތުގައި ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކާ ބެހޭގޮތުން ރައީސްއާ ކުރިމަތި ކުރި ސުވާލުތަކަށް އެމަނިކުފާނު ވަނީ ޖަވާބު ދެއްވާފައެވެ. އޭގެ އިތުރުން ޕާލޭ ފޮރ ދަ އޯޝަންސްއާއި ދިވެހިރާއްޖެއާއި ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމާ ބެހޭގޮތުންވެސް ރައީސް އެ ފޯރަމްގައި މައުލޫމާތު ދެއްވިއެވެ.

ރައީސްއާ ކުރިމަތި ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން އެމަނިކުފާނު ވަނީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިލާންޖެހޭ މައްސަލަތަކާއި، ޤާނޫނާ ގަވާޢިދާ ހަލާފަށް ދެމެހެއްޓެނިވި ނޫން ގޮތްގޮތަށް މަސްވެރިކަން ކުރުމުން މަހުގެ އާބާދީ މަދުވަމުން ދިއުމާއި، ޕްލާސްޓިކު ކުނިބުނި ގިނަވުމުގެ ސަބަބުން ދިމާވާ މައްސަލަތައް ފާހަގަކުރައްވާފައެވެ.

އެގޮތުން ރާއްޖެއިން ޕާލޭ ފޮރ ދަ އޯޝަންސް އާއި ގުޅިގެން މަސައްކަތް ކުރަން ނިންމި ސަބަބުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވާލެއްވިއެވެ.

މީގެއިތުރުން ރައީސްގެ ވާހަކަފުޅުގައި ޕާލޭ އޭއައިއާރު ސްޓްރެޓެޖީއަށް ތައުރީފުކުރައްވައި މި ސްޓެރެޓެޖީގައި ހިމެނޭ ޕްލާސްޓިކާ ދުރުހެލިވުމާއި ޕްލާސްޓިކު ނައްތާލުމާއި ޕްލާސްޓިކު ނޫން އައު ގޮތްތަކެއް ހޯދުމުގެ ވިސްނުމަށް ތައުރީފު ކުރެއްވިއެވެ.

އެގޮތުން އާންމު ދިރިއުޅުމުގައި ބޭނުންކުރަންޖެހޭ ތަކެއްޗަކީ ތިމާވެއްޓާ ރަހުމަތްތެރިގޮތަށް ފަރުމާކުރެވޭ ތަކެއްޗަށް ހެދިއްޖެނަމަ، އެއީ ރާއްޖެއަށް ދިމާވެފައިވާ ޕްލާސްޓިކު ކުނިބުނީގެ މައްސަލައަށް ރަނގަޅު ހައްލެއް ލިބިގެންދާނެ ކަމެއް ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.

"ޕްލާސްޓިކާ ދުރު ޖަޒީރާ ގައުމަކަށް" ރާއްޖެއިން އަމާޒުހިފުމުގެ މައިގަނޑު ބޭނުމާމެދު ހުށަހެޅުނު ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއެކު ހަދާ އެއްބަސްވުމެއްގެ ދަށުން ރާއްޖެއިން އަމާޒު ހިފާފައިވަނީ ނޫ އިގްތިސާދުގެ ވިސްނުމާ އަދި ކަނޑުގެ ދިރުންތަކާ ވެށި ހިމާޔަތްކުރެވޭ ގޮތަށް ތަރައްގީގެ ކަންކަން ކުރިޔަށްގެންދިއުމަށް ކަމުގައެވެ.

ދުނިޔޭގެ އެންމެ ފުރަތަމަ "ޕާލޭ ފިއުޗަރ އައިލެންޑް ނޭޝަން" ގެ މަގާމާމެދު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި މަގާމަކީ ކަނޑުތަކުގެ ހިމާޔަތަށް މަސައްކަތް ކުރާ ނޫ އިގްތިސާދެއް ބިނާ ކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ހާމަކޮށްދޭ ޝަރަފެއް ކަމަށެވެ.

މި ފޯރަމަކީ، އދ.ގެ ދެމެހެއްޓެނިވި ތަރައްގީގެ އަމާޒުތައް ހާޞިލްކުރުމަށް ސަރުކާރުތަކާއި ވިޔަފާރި ކުންފުނިތަކާއި ޖަމިއްޔާތަކުގެ ގުޅުން ބަދަހިކޮށް، ގުޅިގެން މަސައްކަތް ކުރުމަށް ބާރުއަޅާ، އެކަމަށް އެއްބާރުލުން ދިނުމަށް މަގިފަހިކުރުވާ ބައްދަލުވުމެކެވެ. އެ ބައްދަލުވުމުގައި ކުރިއަށްދިޔަ "ސްކޭލިންގ އެމްބިޝަންސް" ޕެނަލުގައި މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ އަސަރު ކުޑަކުރުމުގައި ފާހަގަކޮށްލެވޭ މަސައްކަތްތައް ކުރަމުންދާ ކުންފުނިތަކުން ހޯދަމުންދާ ކުރިއެރުންތައް ހިއްސާކޮށްފައިވެއެވެ.