ކެމިކަލް ރައްކާ ކުރާ ގުދަންތައް ތިލަފުއްޓަށް ބަދަލުކުރުމުގެ ގޮތުން އެރަށުގައި ގުދަންތައް ހަދަން ބީލަމަށް ނުލީ އެތަންތަން އަވަހަށް ނިންމަން ޖެހޭތީ ކަމަށް ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑް) އިން ބުނެފިއެވެ.

ޖީއެމްއައިޒެޑްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު "ސަން" އަށް މިރޭ ވިދާޅުވީ ގުދަންތައް ތިލަފުށީގައި ހަދައި ނިންމުމަށް އެ ކުުންފުންޏަށް ދީފައިވަނީ އެންމެ ދެ މަސް ކަމަށެވެ. އެހެންކަމުން ބީލަމަށް ލައިގެން އެ މުއްދަތުގެ ތެރޭގައި ނުނިމިދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން މިހާރު ވަނީ ތިން ފަރާތަށް ދައުވަތުދީގެން ވާހަކަ ދައްކާފައި. ދެން ބޯޑާއި ވާހަކަ ދައްކާފައި ގޮތެއް ނިންމާނެ. އިތުރު ފަރާތްތަކާވެސް ވާހަކަ ދައްކާނެ އެކަމާމެދު ގޮތެއް ނިންމުމާމެދު. ބޯޑުގެ މެމްބަރުން އާދިއްތަ ދުވަހު ހަމަވާނެ،" އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.

އެ ގުދަންތައް ހުންނަން ޖެޖޭ ޑިޒައިނާއި އަދި ކޮލިޓީ އެ ކުންފުނީގެެ ޕްލޭނިން ޑިޕާޓްމަންޓުން ބަަލަމުންދާ ކަމަށްވެސް އޭނާ ވިދާޅުވއިެވެ.

އިބްރާހިމް ރަޝީދު ވިދާޅުވީ ތިލަފުށީގައި ހަދާ ގުދަންތަކުގައި ހުންނާނީ 1000 އަކަ ފޫޓު ކަމަށާއި އެތަންތަނުގައި ސެކިއުރިޓީ ސްޕްރިންކަލް ސިސްޓަމްވެސް ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ބޯޑުގައި އާދިއްތަ ދުވަހު މަޝްވަރާކުރުމަށް ފަހު ގުދަންތައް ހެދުމަށް ހޯމަ ދުވަހު ހަވާލުކުރެވޭވާރު ވާނެ،" ރަޝީދު ވިދާޅުވއިެވެ.

ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލުކުރަން ސަރުކާރުން ނިންމީ ދާދި ފަހުން މާލޭގައި ހިނގި ނުރައްކާތެރި ހާދިސާއާ ގުޅިގެންނެވެ. އެ ހާދިސާގައި ކެމިކަލް ރައްކާ ކުރާ ގުދަނެއްގައި ރޯވެ އެ ސަރަަހައްދުގައި ހުރި ގެތަކަށް އަލިފާން ފެތުރި ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.