13 Nov 2011, 10:09
ޕްރެމިއާ ލީގުގައި ކިޔުޕީއާރްއާ ދެކޮޅަށް ކުޅެ ޗެލްސީ ބަލިވި މެޗަށް ފަހު، އެމެޗުގެ ރެފްރީކަން ކުރި ކްރިސް ފޯއީ އަށް ފާޑުކިޔައި މީޑިޔާގައި ވާހަކަ ދެއްކުމުގެ ސަބަބުން އިނގިރޭސި ފުޓުބޯޅަ އެސޯސިއޭޝަނުން ޗެލްސީގެ ކޯޗު އަންދުރޭ ވިޔަސް ބޮއަސް ޖޫރިމަނާ ކޮށްފި އެވެ.
މިދިޔަ މަހު ކިޔުޕީއާރް އާއި ދެކޮޅަށް ކުޅުނު މެޗުގައި ރެފްރީ ފޯއީ ވަނީ ކިޔުޕީއާރް އަށް ޕެނަލްޓީއެއް ދިނުމުގެ އިތުރުން ޗެލްސީގެ ދެ ކުޅުންތެރިއަކަށް ރަތް ކާޑު ދައްކާފަ އެވެ. މިމެޗުގެ ނަތީޖާ އަކީ ރެފްރީގެ ސަބަބުން ނެރެވުނު ނަތީޖާއެއް ކަމަށް ބުނެ ކޯޗް ވިޔަސް ބޮއަސް ވަނީ ފާޑު ކިޔާފަ އެވެ.
ދެ ޓީމަށް ހަމަހަމަ ކަމާއި އިންސާފު ކޮށްފައި ނުވާ ކަމަށާއި ޗެލްސީ އިން މިސީޒަނުގައި ކުޅުނު ތިން މެޗަކުން ވެސް ރެފްރީގެ ނިންމުންތަކާއި މެދު ހިތްހަމަ ނުޖެހޭކަން ކޯޗް ވިޔަސް ބޮއަސް ފާހަގަކޮށްފައިވެ އެވެ.
އެމެޗުގައި ޗެލްސީގެ ކުޅުންތެރިންގެ ފަރާތުން ފެނުނު އަމަލު އަމަލުތަކުގެ ސަބަބުން ޗެލްސީ ވަނީ 20000 ޕައުންޑުގެ ޖޫރިމަނާއެއް ވެސްކޮށްފަ އެވެ. އެ މެޗުގައި ކޯޗު ވިޔަސް ބޮއަސް ކޯޗަށް ފާޑު ކިޔާ މީޑިޔާގައި ވާހަކަ ދައްކާފައި ވުމުން ޖޫރިމަނާ ކުރިކަން އިނގިރޭސި ފުޓުބޯޅަ އެސޯސިއޭޝަނުން ވަނީ ކަށަވަރު ކޮށްދީފަ އެވެ.
"ކުޔުޕީއާރް އާއި ޗެލްސީ ބައްދަލުކުރި މެޗަށް ފަހު، ރެފްރީންނަށް ފާޑުކިޔާ މީޑިޔާގައި ވާހަކަ ދެއްކުމުން ޗެލްސީގެ ކޯޗު އަންދުރޭ ވިޔަސް ބޮއަސް ވަނީ ޖޫރިމަނާ ކުރެވިފައި. އަންނަ އަންގާރަ ދުވަހުގެ 16:00ގެ ކުރިން މި ޖޫރިމަނާ އަށް ޖަވާބެއް ދިނުމަށް ވިޔަސް ބޮއަސް އަށް ޖެހޭނެ." އިނގިރޭސި ފުޓުބޯޅަ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައިވެ އެވެ.