މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާގައި ގެތައް އަނދައި، ހާލުގައި ޖެހުނު މީހުންނަށް ދޭ ބަދަލު، ލިބުނު ގެއްލުމުގެ 20 ޕަސަންޓަށްވުރެ ބޮޑު ވާނެ ކަމަށް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީން މިއަދު ބުނެފި އެވެ.

އަބަދަށްފެހި މަގު، ހ. ތިލަފުށީ ގޭގައި ހުރި ކެމިކަލް ގުދަނުގައި ރޯވެ، ހިނގި ބިރުވެރި އަލިފާނުގެ ހާދިސާގައި އެކަކު މަރުވެ، އެ ސަރަހައްދުގެ 26 ގެއަކަށް އެކިވަރުގެ ގެއްލުންވެ، 700 އަށްވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފައެވެ. އޭގެ ތެރެއިން 302 މީހަކަށް އެންޑީއޭ އިން އަދިވެސް ދަނީ، ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުންނެވެ.

އެންޑީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ހިސާން ހަސަން މިރޭ "ސަން" އަށް ވިދާޅުވީ، ގުދުރަތީ ހާދިސާ އާއި މި ފަދަ ހިތާމަވެރި އެހެން ހާދިސާތަކުގައި ވެސް ގެއްލުން ލިބޭ މީހުންނަށް މާލީ އެހީގެ ގޮތުގައި އާންމު އުސޫލުން ދައުލަތުން އަބަދު ވެސް ދެނީ ޑިޒާސްޓާގެ ގަވާއިދުގައިވާ ގޮތަށް ލިބޭ ގެއްލުމުގެ 20 ޕަސެންޓް ކަމަށެވެ. ނަމަވެސް އެ ހާދިސާއެއްގެ ބޮޑު ކަމާއި ހާލަތަށް ބަލައި، ފަންޑު ހުޅުވާޅުމުން އެކި ފަރާތްތަކުގެ ދީލަތި އެހީ ލިބުމުން ދައުލަތުން ދޭ ބަދަލު 20 ޕަސަންޓަށް ވުރެ އިތުރު ވާނެ ކަމަށް ހިސާން ވިދާޅުވިއެވެ.

"20 ޕަސަންޓަކީ، ގަވާއިދުގައި އޮންނަ ގޮތް. އެއީ އަބަދުވެސް ކަނޑައަޅާފައި އޮންނަ މިންގަނޑު. ނަމަވެސް ޑީޒާސްޓާއަށް ޑޯނޭޝަންގެ ގޮތުގައި ލިބޭ ފައިސާއާއެކު، ލިބޭ ގެއްލުމުގެ ބަދަލު 80 ޕަސަންޓަށްވެސް މީގެ ކުރިން ދެވިފައިވާނެ،" ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ، މާލޭގައި ހިނގި އަލިފާނުގެ ހާދިސާއަކީ ވަރަށް ބޮޑު ހާދިސާއެއް ކަމަށާއި ހެޔޮ އެދޭ ފަރާތްތަކުން ޑިޒާސްޓާ އިން ހުޅުވާލި ފަންޑަށް އެހީ ދެމުން އަންނަ ކަމަށެވެ. އެގޮތުން މިހާރުވެސް އެ ފަންޑަށް 1.1 މިލިއަނަށްވުރެ ގިން ރުފިޔާ ލިބިފައިވާ ކަމަށް ހިސާން ވިދާޅުވިއެވެ.

"މިދިޔަ އަހަރު މާލޭގެ ފެންބޮޑުވި ހާދިސާގައި ގެއްލުމުގެ ބަދަލު 80 ޕަސަންޓަށް ވަނީ ފޯރުކޮށްދީފައި. އެއީ އޭރު ލިބުނު އެހީތަކާއެކު،" ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ، މިހާރު އެންޑީއޭގެ ބެލުމުގެ ދަށުގައި ތިއްބެވި 53 އާއިލާއެއްގެ 301 މީހަކަށް 124 ކޮޓަރީގައި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި ބައެއް މީހުންނަކީ، އެ ސަރަހައްދުގެ ބައެއް ގެތަށް ތަޅާލާތީއާއި މިނިސްޓްރީން ހަދާ އެސެސްމެންޓް ހަދައި ނިމެންދެން ވަގުތީ ހިޔާގައި ތިބި ފަރާތްތައް ކަމަށް ހިސާން ފާހަގަ ކުރެއްވި އެވެ.

މިހާދިސާގައި އެކިވަރުގެ ގެއްލުން ލިބުނު 26 އިމާރާތުގެ ތެރެއިން ހަތް އިމާރާތެއް މިހާރު ތަޅާލުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރެއިން ބައެއް އިމާރާތްތައް މިހާރުވެސް ވަނީ ތަޅާލާފައެވެ. ހާލުގައި ޖެހިގެން ޑިޒާސްޓާގެ އެމަޖެންސީ ސެންޓަރުގައި އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ދިރިއުޅުނު 786 މީހަކު ވަނީ ރަޖިސްޓްރީކޮށްފައެވެ. އެ މީހުންނަށް ޑިޒާސްޓާ އިން ވަނީ އެކި ގޮތްތުން އެހީތެރިކަން ފޯރުކޯށްދީފައެވެ.