26 Sep 2019, 08:24
ރާއްޖޭގައި އެންމެ މަތީ ފަންތީގައި ގުނާލެވޭ ޑިޒައިނަރުންގެ ތެރޭގައި ރަޒީނާ ތައުފީގު ހަމަ ގައިމުވެސް ހިމެނޭނެ އެވެ. ރަޒީއޭ ބުނެފިނަމަ އެންމެ ފުރަތަމަ ހިތަށް އަންނާނީ މި ރަޒީނާކަން ޔަގީނެވެ.
އެހެން ނަމަވެސް ރަޒީގެ ހެދުންތަކާއި ޑިޒައިންތައް މިދުވަސްވަރު އެހާ ގިނައަކުން ނުފެނެ އެވެ. ރާއްޖޭގެ މަޝްހޫރު ސެލެބްރިޓީންގެ ރީތިކަމާއި ފަރިކަން ދައްކާލާ ރެޑް ކާޕެޓްތަކުން ރަޒީގެ މަސައްކަތް ގެއްލުނު ފަދަ އެވެ. ރަޒީ ބުނި ގޮތުގައި އޭނާ "އަސްލުވެސް ވަރަށް ބިޒީ"އެވެ.
"އެއްބައިފަހަރު ހިތަށް އަރާ ޑިޒައިނިން ދާއިރާ ހުއްޓާލަންވެއްޖެއޭވެސް،" ސަންގެ "ރެޕިޑް ފަޔާ" ހޫނު ގޮނޑީގައި ހުރެ، ރަޒީ ބުންޏެވެ.
ރަޒީ މިދުވަސްވަރު ބިޒީ ވާ ސަބަބަކީ ރަޒީގެ ދަރިފުޅަށް ވަގުތު ދޭތީ އެވެ. ރަޒީ ބުނީ މިދުވަސްވަރަކީ ދަރިފުޅަށް އެންމެ އަޅާލުން ބޭނުންވެސް ވާ ދުވަސްވަރެވެ. ރަޒީގެ ދުވަސް ރޭވިފައި އޮންނަ ގޮތުން، މަސައްކަތުގައި އުޅެނީވެސް ދަރިފުޅު ފުޓުބޯޅަ ޕްރެކްޓިސްއަށާއި ޓިއުޝަނަށާއި ސްކޫލަށް ގެންގޮސްފައި ދެން އެ ލިބޭ ވަގުތެއްގަ އެވެ.
ވާ ގޮތަކީވެސް އެއީ އެވެ. ފިލްމީ ތަރި މަރިޔަމް އައްޒަވެސް މިހާރު ރަޒީގެ ޑިޒައިންތަކުން ފަރިވެފައި ހުންނަ މަންޒަރު ނުފެންނަނީވެސް އެ މަސައްކަތް ކުރަން ރަޒީއަށް ވަގުތު ނުވާތީ އެވެ.
ރަޒީގެ ދިރިއުޅުމުގެ ކަންކަން ބިޒީވެ، 24 ގަޑިއިރުވެސް މަދުވެފައި އޮތް ނަމަވެސް ކޮންމެ ދުވަހަކުވެސް އޭނާ ގަވައިދުން ޖިމްއަށް ދެއެވެ. ރަޒީ ބުނަނީ ޖިމްއަށް ދިޔަޔަސް އޭނާ ނުހިކޭ ކަމަށް ގިނަ ބަޔަކު ބުނާ ކަމަށެވެ. ނަމަވެސް މިއީ އޭނާ އަމިއްލަ ނަފްސަށް ކުރާ ކަމެކެވެ.
"އަސްލު ރަޒީ ބޭނުން އެއްޗެއް ކާންވެގެން [ބޭނުންވާތީ] ޖިމްއަށް ދަނީ. އޭރުން ހުންނަ ވަރަށް ހުންނާނެއެއްނު [ފަލަނުވެ]،" ރަޒީ ބުންޏެވެ.
ބިޒީކަމުގެ ތެރެއިންވެސް، މިދިޔަ ހަފްތާގައި އަހަރެމެންގެ ސްޓޫޑިއޯއަށް ރަޒީ އައީ ފިޔާތޮއްޓާއި މެރޫން ކުލައިން ފަރިވެލައިގެންނެވެ. ސްޓޫޑިއޯއަށް ވަނުމުގެ ކުރިން ރަޒީގެ ފޮޓޯގްރާފަރުންނާއެކު މަގުމަތީގައި ފެންވަރުގެ ފޮޓޯޝޫޓެއްވެސް ޖެއްސި އެވެ.
ރަޒީގެ މިދުވަސްވަރުގެ ބިޒީ ޝެޑިއުލްގެ ވާހަކަތަކުގެ އިތުރުން އާންމުކޮށް އޭނާ ކުރާ ޑިޒައިނިންއާއި ފެހުމުގެ މަސައްކަތުގެ ވާހަކަތައްވެސް "ރެޕިޑް ފަޔާ"ގައި ކިޔައިދިނެވެ. ދެން އިތުރަށް ވީޑިއޯ ބަލައިލާށެވެ.