25 Sep 2019, 18:27
ކަނޑަށް އުކާލެވޭ ޕްލާސްޓިކް ކުނީގެ ސަބަބުން ކަނޑުގެ ދިރުންތަކާއި ފަރުތައް މަރުވަމުންދާ ކަމަށާއި، ރާއްޖޭގެ ގުދުރަތީ ރީތިކަން ގެއްލެމުންދަނީ އެފަދައިން ކަނޑަށް އުކާލެވޭ ޕްލާސްޓިކް ކުނީގެ ސަބަބުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ނިއުޔޯކްގައި ކުރިއަށްދާ އދގެ 74 ވަނަ އާންމު މަޖިލީހުގެ ހަވާސާގައި މިއަދު އޮތް "ބްލޫ ލީޑާސް ކޯލް ޓު އެކްޝަން އޮން އޯޝަން އެންޑް ކްލައިމެޓް ސަމިޓު"ގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ސަމިޓުގައި ރައީސް ސޯލިހު ވިދާޅުވީ ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށް ނުރައްކާ ކުރިމަތިވަމުންދާ ކަމަށާއި، ކަނޑުގެ ދިރުންތައް މަރުވެ، ފަރުތައްވެސް ހަލާކުވަމުންދާ ކަމަށެވެ.
އަދި ޕްލާސްޓިކާ ހެދި ރާއްޖޭގެ ގުދުރަތީ ރީތިކަން ގެއްލިގެންދާ ކަމަށާއި، އެ މައްސަލަތައް ހައްލުކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމަށް އެދިވަޑައިގަންނަވަމުން، އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް (ސިންގަލް ޔޫސް ޕްލާސްޓިކް) ބޭނުންކުރުން ހުއްޓާލުމަށް ރައީސް ސޯލިހު ގޮވާލެއްވިއެވެ.

ބްލޫ ލީޑާސް ކޯލް ޓު އޯޝަން އެންޑް ކްލައިމެޓް އެކްޝަން ސަމިޓުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެހެން ގައުމުތަކުގެ އިސްވެރިން -- ފޮޓޯ/ ރައީސް އޮފީސް
އދގެ އާންމު މަޖިލީހުގައި ރޭ ތަގުރީރުކުރައްވަމުންވެސް ރައީސް ސޯލިހު ވަނީ ޕްލާސްޓިކާ ދުރުވުމަށްޓަކައި ރާއްޖެއިން ގެންގުޅޭ އަމާޒެއް އިއުލާންކުރައްވާފައެވެ. އެގޮތުން، 2023 ވަނަ އަހަރުގެ ކުރިން ރާއްޖޭގައި ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުންކުރުން މުޅިން ހުއްޓާލުމަށް މަސައްކަތްކުރައްވާނެކަމަށް ރައީސްގެ ތަގުރީރުގައި ރޭ ވިދާޅުވިއެވެ. އަދި މިއީ ޕްލާސްޓިކާ ދެކޮޅަށް ދުނިޔޭގެ އެހެން ގައުމަކުން ނުފަށާ ވަރުގެ ބޮޑު މަސައްކަތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ ބ. އަތޮޅުގައި ބަޔޮސްފިއާ ރިޒާވެއް ގާއިމުކޮށްފައިވާ އިރު، އެ ސަމިޓުގައި ރައީސް ވަނީ ރާއްޖޭގެ އެންމެ ދެކުނުން އައްޑު އަތޮޅާއި ފުވައްމުލައް އަތޮޅުވެސް ބަޔޮސްފިއާ ރިޒާވެއްގެ ގޮތުގައި ކަނޑައެޅުމަށް ސަރުކާރުން ނިންމި ނިންމުމުގެ ޚަބަރު، ބައްދަލުވުމުގެ ބައިވެރިންނަށް ދެއްވާފައެވެ.
އެއާއެކު، ދުނިޔޭގެ ކަނޑުތަކުގެ 30 ޕަސަންޓު ހިމާޔަތްކުރެވޭނެ ގޮތަކަށް ކަންކަން ބައްޓަންކުރުމަށް ދުނިޔޭގެ ލީޑަރުން އެއްބަސްވެވަޑައިގަތުމަށް ރައީސް ގޮވާލެއްވިއެވެ. އަދި ކަނޑުތަކުގެ ބާކީ 70 ޕަސަންޓާ މެދު، 2020 ގައި ޗައިނާގެ ކުންމިންގްގައި ބާއްވާ އދގެ ބަޔޯޑައިވާސިޓީ ކޮންފަރަންސްގައި އެއްބަސްވުމެއް އެކުލަވާލުމަކީ މުހިންމު ކަމެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ބްލޫ ލީޑާސް ކޯލް ޓު އޯޝަން އެންޑް ކްލައިމެޓް އެކްޝަން ސަމިޓުގައި އެންވާރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން -- ފޮޓޯ/ ރައީސް އޮފީސް
ރައީސް ސޯލިހު ވިދާޅުވީ ކަނޑާއި ކަނޑުގެ ދިރުންތަކަކީ ރާއްޖެ ފަދަ ގައުމުތަކުގެ ދެމިއޮތުމާއި ރައޔްިތުންގެ ދިރިއުޅުމާ ގުޅިފައިވާ އެއްޗެއް ކަމަށެވެ. އަދި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާއި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވެފައިވާ އެއް ގައުމަކީ ރާއްޖެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ އަސަރު ކުޑަކުރުމަށް މަސައްކަތްކޮށްދިނުމަށް ރައީސް އެދިވަޑައިގެންނެވިއެވެ. އަދި ކަނޑުގެ ދެމިއޮތުމަށް ބާރުއަޅާ، ދެމެހެއްޓެނިވި އިގްތިސޯދުތަކެއް ބިނާކުރުމަކީ އެންމެންގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއް ކަމަށްވެސް ވިދާޅުވިއެވެ.