25 Sep 2019, 17:38
ޖުމްލަ 107 މިލިއަނެއްހާ ރުފިޔާގެ ތިން މަޝްރޫއެއްގައި ޕްލޭނިން މިނިސްޓްރީން ކުންފުނިތަކަކާއެކު މިއަދު ސޮއިކޮށްފިއެވެ.
ޕްލޭނިން މިނިސްޓްރީން މިއަދު ސޮއި ކުރި ތިން މަޝްރޫއުގެ ތެރެއިން 69 މިލިއަން ރުފިޔާގެ ދެ މަޝްރޫއު ހަވާލުކޮށްފައިވަނީ އެމްޓީސީސީއަށެވެ. އެއީ ނ. މިލަދޫ އާއި ލ. މާވަށުގެ ބަނދަރު ހެދުމުގެ މަސައްކަތެވެ.
މި ދެ މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ، އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހްމަދު ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއޯއޯ ޝާހިދު ހުސައިން މޫސާ އެވެ.
މިލަދޫގެ ބަނދަރުގެ މަސައްކަތް 42 މިލިއަން ރުފިޔާއަށް ހަވާލުކުރީ، 330 ދުވަސް ތެރޭ ނިންމުމަށެވެ. އަދި މާވަށުގެ ބަނދަރުގެ މަސައްކަތް ހަވާލުކުރީ 27 މިލިއަން ރުފިޔާ އަށެވެ. މި ދެ މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޑިޒައިން މަސައްކަތާއެކުއެވެ.
ތިން ވަނަ މަޝްރޫއުއަކަށް ސޮއިކޮށްފައިވަނީ، ގއ. މާމެންދޫގެ ބަނދަރުގެ ބޭރު ތޮށި ލުމުގެ މަސައްކަތެވެ. ސަސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ 31 މިލިއަން ރުފިޔާއަށް މި މަސައްކަތް ހަވާލުކުރީ، 450 ދުވަސްތެރޭ ނިންމުމަށެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ، އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހްމަދު ހަމީދެވެ. ސަސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ސޮއި ކުރެއްވީ، އެކުންފުނީގެ އެމްޑީ ސައުދުﷲ އަހްމަދެވެ.