އދ.ގެ އާންމު މަޖިލީހުގައި ރޭ ދެއްވި ތަގުރީރުގައި ކުރީގެ ސަރުކާރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފާޑުވިދާޅުވުމުން ދޭހަވަނީ ސަރުކަރުގައި ބަދަލު ހިފުމާއި ނަފުރަތު އޮތް މިންވަރުކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ހަ އަހަރު ފަހުން ރައްޖޭގެ ރައީސުލްޖުމްހޫރިއްޔާ އދގައި ތަގުރީރުކުރެއްވި އިރު، ރައީސް ސޯލިހު ރޭ ވަނީ މިދިޔަ އަހަރު އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނާ ވާދަކޮށް ނާކާމިޔާބުވެވަޑައިގެންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ބަހުގެ ހޫނު ހަމަލާތަކެއް ދެއްވާފައެވެ.

ރައީސް ސޯލިހު ރޭ ވިދާޅުވީ ދިވެހިރާއްޖެ ޑިމޮކްރަސީގެ މަގުން 2008 ގައި ފެށި ދަތުރު މަދު އަހަރުތަކެއްގެ ތެރޭގައި ހުއްޓުވާލި ކަމަށެވެ.

"ޖުޑިޝަރީ ހައިޖެކްވެ، ގާނޫނު ހަދާ މަޖިލީހާއި މުއައްސަސާތައް ހުއްޓި، އަދި ނޫސްވެރިންގެ އަނގަ ބަންދުވި. ސިޔާސީ ވާދަވެރީންނަށް އަބަދާއި އަބަދު ބިރުދައްކައި، އިދިކޮޅު ލީޑަރުން ޖަލަށް ލާފައި ނުވަތަ އަރުވާލާފައި. ބައިނަލްއަގުވާމީ މުޖުތަމައުން މިކަންކަމާ ދެކޮޅަށް ބަސް ބުނުމުން ސަރުކާރުން ފުރަގަސްދިނީ. ޑިމޮކްރަސީ އިޔާދަކުރަން ކޮމަންވެލްތުން ގޮވާލުމުން ސިޔާދަތަށް ބުރުއަރާކަމަށް ބުނެ އެ ޖަމާއަތުންވެސް ވަކިވީ. އެކަހެރިވުން ވެގެން ދިޔައީ ރާއްޖޭގެ އާންމު ޚާރިޖީ ސިޔާސަތަށް،" މަޖިލީހުގައި ތަގުރީރު ކުރައްވައި ރައީސް ސޯލިހު ސިފަކުރެއްވިއެވެ.

ރައީސް ސޯލިހުގެ އެ ވާހަކަތަކާ ގުޅިގެން ރައީސް ޔާމީން ދިފާއު ކުރައްވައި، ރައީސް ޔާމީންގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި އާދަމް ޝަރީފު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އެމަނިކުފާނުގެ ވާހަކަފުޅުން ހާމަވަނީ ސަރުކާރު ވަކި އަތަކަށް ޖެހި، އަދި ސަރުކާރުގައި ބަދަލު ހިފުމާއި ނަފުރަތުގެ ރޫހު އޮތް މިންވަރު ކަމަށެވެ.

އެވާހަކަތަކުން އެނގެނީ، "ގައުމިއްތެއް ނެތް ކަން، އަދި "އުންމީދެއް ނެތް"ކަން ކަމަށް ޝަރީފު ސިފަކުރެއްވިއެވެ.

"ރާއްޖޭގެ ތަރައްގީ ކުރެވޭނީ ވެރުކަމުގެ ކޮއިލު ތެރެއިންނާއި ވެރިންގެ ހިތްތަކުން ހަސަދަވެރިކަން ނައްތާލައިގެން،" މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވިދާޅުވިއެވެ.

އާދަމް ޝަރީފު ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ ރައީށް ޔާމީނުގެ ސަރުކާރުގައި ޖުޑިޝަރީ "ހައިޖެކް"ކުރީ މިހާރު ވެރިކަންކުރަމުން އަންނަ ކޯލިޝަނުން ކަމަށެވެ.

އެގޮތުން ނިމިދިޔަ ރިޔާސީ އިންތިހާބުގައި ޖެހުނު މައްސަލަތަކަށް އަދިވެސް އިންސާފު ނުލިބޭކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅިކަމަށް ރައީސްް ސޯލިހް ވިދާޅުވި ވިދާޅުވުމަށް ވެސް އާދަމް ޝަރީފު ރައްދު ދެއްވިއެވެ. އެގޮތުން ގިނަ ނޫސްތައް ރައީސް ސޯލިހްގެ ސަރުކާރުން "ސްޕޮންސާ" ކޮށްފައިވާކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

މީގެ އެއް އަހަރު ދުވަސް ކުރިން ބޭއްވި ރިޔާސީ އިންތިހާބު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބުކުރެއްވީ އިލެކްޝަންސް ކޮމިޝަނަށް ނުފޫޒު ފޯރުވައިގެންކަމަށް ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރާ ފަރާތްތަކުން ތުހުމަތުކުރެއެވެ. އިންތިހާބުގެ ނަތީޖާ ގަބޫލުނުކޮށް އެމަނިކުފާނުގެ ޕީޕީއެމްއިން ކޯޓަށްވެސް ދިޔައެވެ. ނަމަވެސް އިންތިހާބުގެ ނަތީޖާއަށް އަސަރުކުރާނެ ކަމެއް ނެތްކަމަށް ނިންމައި، ސުޕްރީމް ކޯޓުން ނިންމީ އިންތިހާބު ބާތިލު ކުރެވެން ނެތްކަމަށެވެ.

ރައީސް ޔާމީންއާ ވާދަކުރައްވައި، ރައީސް ސޯލިހު އިންތިހާބު ކާމިޔާބުކުރެއްވި 38.000 އަށް ވުރެ ގިނަ ވޯޓުގެ ތަފާތުންނެވެ.