ވޮޝިންޓަން (ސެޕްޓެމްބަރު 25): އެމެރިކާގެ މެސެޗޫސެޓްސްއިން ހަތަރު މަސް ވަންދެން ހުރިހާ ބާވަތެއްގެ އީ-ސިނގިރެޓު ވިއްކުން މަނާކޮށްފި އެވެ.

އީ-ސިނގިރެޓާ ގުޅުން ހުރި ސިއްހީ މައްސަލަތަކެއް އެމެރިކާ އިން ފާހަގަވެފައިވާ މިދަނޑިވަޅުގައި މެސެޗޫސެޓްސްއަކީ ހުރިހާ ބާވަތެއްގެ އީ-ސިނގިރެޓު މަނާ ކުރި އެގައުމުގެ ފުރަތަމަ ސްޓޭޓެވެ. މީގެ ކުރިން އެގައުމުގެ ނިއު ޔޯކާއި މިޝިގަންއިން ވަނީ ދުންފަތް ނޫން އެހެން ފްލޭވާތަކުގެ އީ-ސިނގިރެޓު މަނާ ކުރަން ނިންމާފަ އެވެ. އަދި މުޅި ގައުމުގައި ވެސް އެކި ފްލޭވާތަކުގެ އީ-ސިނގިރެޓު މަނާ ކުރާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

އެމެރިކާއިން އެފަދައިން ނިންމީ، އީ-ސިނގިރެޓް ބޭނުން ކުރުން ނުވަތަ ވޭޕް ކުރުމާ ގުޅުން ހުރި ފުއްޕާމޭގެ ބައްޔައްގެ ސަބަބުން މިދިޔަ އޮގަސްޓު މަހުގެ ފަހުން އެގައުމުގައި ހަ މީހަކު މަރުވުމާ ގުޅިގެންނެވެ.

އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ވަނީ ވޭޕް ކުރުމާ ގުޅުން ހުރި ބަލީގެ 450 މައްސަލައެއް މިހާތަނަށް އެއިދާރާއަށް ހުށަހަޅާފައިވާ ކަމަށް ބުނެފަ އެވެ. އަދި އެފްޑީއޭ އާއި ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)އިން ދަނީ ބަލި ދިރާސާ ކުރަމުން ކަމަށް ބުނެފަ އެވެ. ނަމަވެސް އެބަލި ޖެހެނީ ކޮން ބާވަތެއްގެ އީ ސިނގިރެޓުން ކަމެއް ނުވަތަ އޭގައި އެކުލެވޭ ކޮން ކެމިކަލްއަކުން ކަމެއް އަދި ނޭނގެ އެވެ.

މެސެޗޫސެޓްސްގެ ގަވަރުނަރު ޗާލީ ބޭކާ ވިދާޅުވި ގޮތުގައި އަންނަ ޖެނުއަރީ މަހުގެ 25އާ ހަމައަށް އެސްޓޭޓުގައި އީ-ސިނގިރެޓު މަނާ ކުރަނީ، އެއާ ގުޅުން ހުރި ބަލި އިތުރަށް ދިރާސާކޮށް، ރައްކާތެރިކޮށް އީ-ސިނގިރެޓު ބޭނުން ކުރުމަށް ހެދޭނެ ގަވާއިދުތަކާ ބެހޭ ގޮތުން ގޮތެއް ނިންމުމަށެވެ.

އެމެރިކާގެ ހެލްތު ސެކްރެޓަރީ އެލެކްސް އަޒަރު ވިދާޅުވި ގޮތުގައި ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ ގައުމުގެ ފަސް މިލިއަން ކުޑަކުދިން ކޮންމެވެސް ބާވަތެއްގެ އީ-ސިނގިރެޓު ބޭނުން ކުރެ އެވެ.

ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، އީ-ސިނގިރޭޓު އުފައްދާ ކުންފުނިތަކުން އޭގައި އަނބާއި ކޮޓަން ކޭންޑީއާއި އެހެނިހެން ފްލޭވާތައް ބޭނުން ކުރަނީ އެއަށް ކުޑަކުދިން ޝައުގުވެރި ކުރުވުމަށް ޓަކައެވެ. އަދި އޭގައި އާންމު ގޮތެއްގައި ނިކޮޓިން އެކުލެވޭތީ ކުދިން އީ-ސިނގިރެޓަށް ދެވިހިފަނީއެވެ.

އީ-ސިނގިރެޓާ ގުޅުން ހުރި ސިއްހީ ކަންބޮޑުވުންތަކުގެ ސަބަބުން މިދިޔަ ހަފްތާގައި އިންޑިއާގެ ސަރުކާރުން ވަނީ އެގައުމުގައި އީ-ސިނގިރެޓު އުފެއްދުމާއި، އެތެރެކުރުމާއި، ވިއްކުމާއި، އިޝްތިހާރު ކުރުން މަނާ ކުރަން ނިންމައިފަ އެވެ.