25 Sep 2019, 15:52
ބެއިޖިން (ސެޕްޓެމްބަރު 25): ޗައިނާގެ އެތައް ބިލިއަން ޑޮލަރުގެ އަގުހުރި ސްޓާފިޝް އެއާޕޯޓު އެގައުމުގެ ރައީސް ޝީ ޖިންޕިން މިއަދު ހުޅުވައި ދެއްވައިފިއެވެ.
ސްޓާފިޝްއެއް ގޮތަށް ޑިޒައިންކޮށްފައިވާ ޑަކްސިން އިންޓަނޭޝަނަލް އެއާޕޯޓުގެ ބޮޑުމިނުގައި 700،000 އަކަ މީޓަރު ހުރެއެވެ. އެއީ 98 ފުޓުބޯޅަ ދަނޑާ އެއްވަރުގެ ސަރަހައްދެއް ކަމަށް ޗައިނާ ޑެއިލީގައިވެ އެވެ.
ދެހާސް ސާދަވަނަ އަހަރު ކޮންސްޓްރަކްޝަން މަސައްކަތް ފެށި އެ އެއާޕޯޓު އެޅުމަށް 11 ބިލިއަން ޑޮލަރު ހަރަދުވިއެވެ. އަދި ދުނިޔޭގެ އެންމެ ބޮޑު ޓާމިނަލް އޮންނަ ކަމަށް ބެލެވޭ އެ އެއާޕޯޓަށް ކޮންމެ އަހަރަކު ދާ ފަސިންޖަރުންގެ އަދަދު، ކުރިއަށް އޮތް ހަ އަހަރު ތެރޭ 72 މިލިއަނަށް އަރާނެކަމަށް ޗައިނާއިން ލަފާކުރެއެވެ.

ޗައިނާގެ ސްޓާފިޝް އެއާޕޯޓު އެޅުމަށް 11 ބިލިއަން ޑޮލަރު ހަރަދުވި -- ފޮޓޯ: ގެޓީ
ޗައިނާގެ ގްލޯބަލް ޓައިމްސްގައިވާ ގޮތުން އެގައުމުގެ ހަތް އެއާލައިނަކުން މިއަދު އެ އެއާޕޯޓު ބޭނުން ކުރަން ފަށާނެ އެވެ. އަދި ބޭރު ގައުމުތަކުގެ އެއާލައިންތައް ކަމަށްވާ ބްރިޓިޝް އެއާވޭސްއާއި ކެތޭ ޕެސިފިކްއާއި ފިންއެއާއިންވެސް ވަނީ އެ އެއާޕޯޓަށް ދަތުރު ކުރާނެ ކަމަށް ބުނެފައެވެ.
ބެއިޖިންގައި ދެން ހުންނަ އިންޓަނޭޝަނަލް އެއާޕޯޓަކީ މިހާރު ދުނިޔޭގެ ދެވަނައަށް އެންމެ ބާރު ބޮޑު އެއާޕޯޓެވެ. މިދިޔަ އަހަރު 101 މިލިއަން ފަސިންޖަރުން އެ އެއާޕޯޓު ބޭނުން ކުރި އެވެ. އަދި ދުނިޔޭގެ އެންމެ ބާރު ބޮޑު އެއާޕޯޓު ކަމަށްވާ، އެމެރިކާގެ ހާޓްސްފީލްޑް-ޖެކްސަން އެޓްލާންޓާ އިންޓަނޭޝަނަލް އެއާޕޯޓު މިދިޔަ އަހަރު ބޭނުންކޮށްފައިވަނީ 107 މިލިއަން މީހުންނެވެ.