ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ މަރުހަލާ ނިމިގެން އަންނަ އިރު، ގާނޫނު އަސާސީއާ ތާރަޒްވާ އެއްވެސް ކަމެއް އޭގައި ނުހިމެނޭނެ ކަމަށް، ބިލު ދިރާސާ ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މުގައްރިރު އަދި މަރަދޫ ދާއިރާ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ ޝަރީފު) ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް މިމަހު 12 ވަނަ ދުވަހު ހުށަހެޅި ޓެރަރިޒަމްގެ ބިލު މިހާރު އޮތީ ކޮމިޓީ މަރުހަލާގަ އެވެ. ޓެރަރިޒަމް ވަރަށް ފުޅާކޮށް މާނަކޮށް، ގިނަ ކުށްތަކެއް ހިމަނާފައިވާ އެ ބިލުގައި ފުލުހުންނަށް ބޮޑެތި ބާރުތަކެއް ދިނުމަށް ހިމަނާފައިވާތީ އާއި ގާނޫނު އަސާސީއާ ތާރަޒްވާ ކަންތަކެއް ހިމެނޭތީ ބައެއް މެމްބަރުން ވަނީ ބިލާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ބިލު ދިރާސާ ކުރާ ކޮމިޓީގެ މުގައްރިރު، އިބްރާޙިމް ޝަރީފު މިއަދު "ސަން" އަށް ވިދާޅުވީ، ބިލު ދިރާސާ ކުރާއިރު، ބިލުގައި ގާނޫނު އަސާސީއާ ތާރަޒްވާ އެއްވެސް ކަމެއް އޮތްތޯ ބަލާނެ ކަމަށެވެ. އަދި ކޮމިޓީގެ މަސައްކަތް ނިމިގެން އަންނަ އިރު، އެފަދަ އެއްވެސް ކަމެއް ނޯންނާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ޝަރީފު ވިދާޅުވި އެވެ.

"ބިލުގެ މަސައްކަތް ކޮމިޓީ ނިމޭއިރު، ގާނޫނު އަސާސީއާ ތައާރަޒްވާ ކަމަށް ޝައްކު ކުރެވޭ ކަމެއްވެސް ބިލުގައި ނާންނާނެ،" ޝަރީފު ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ، ބިލުގެ މަސައްކަތް ކުރިއަށް ގެންދަނީ، ސަރުކާރުގެ މަގުސަދުވެސް ނުގެއްލޭ ގޮތަށް އަދި އެހެން މީހުންގެ ހިޔާލާއި ކަނބޮޑުވުމަށްވެސް ޖާގަ ދީގެން ކަމަށެވެ.

"[ބިލަށް] ހުށަހެޅި އިސްލާހުތައް ބަލައި، މަޝްވަރާ ކުރަންޖެހޭ ފަރާތްތަކާއެކު މަޝްވަރާކުރަމުން މިދަނީ. ގައުމަށް އެންމެ ފައިދާހުރި ގޮތަކަށް މި މަސައްކަތްކޮށް ނިންމުމަށް ކޮމިޓީން އެންމެ އިސްކަމެއް ދޭނީ،" މިހާރު ތިން ބައްދަލުވުން ކުރިއަށް ގޮސްފައިވާ ކޮމިޓީގެ މަސައްކަތްތަކާ ގުޅޭގޮތުން ޝަރީފް ވިދާޅުވި އެވެ.

މިހާރު ބިލު އޮތް ގޮތުން ކުށުގެ ތުހުމަތުވާ މީހަކު 48 ގަޑިއިރުވަންދެން ކޯޓު އަމުރަކާ ނުލާ ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ލިބިދެ އެވެ. ގާނޫނު އަސާސީގައި ކޯޓު އަމުރެއް ނެތި މީހަކު ހައްޔަރުކޮށް ބެހެއްޓޭނީ 24 ގަޑި އިރު ކަމަށް ބުނެފައިވާތީވެ، ބިލުގެ 48 ގަޑިއިރު އޮތުމުން އެއީ ގާނޫނު އަސާސީއާ ތައާރުޒްވާ ކަމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ފާހަގަ ކުރައްވައިފަ އެވެ.

ކޮމިޓީ ސިއްރުކުރަނީ މައުލޫމާތުދިނުމަށް ފަސް ޖެހޭތީ!

ކޮމިޓީގެ ބައްދަލުވުމެއްގެ ތެެރެއިން: ބައްދަލުވުންތައް ގެންދަނީ ސިއްރުކޮށްގެން --- ސަން ފޮޓޯ/ މަޖިލިސް

ކޮމިޓީގެ ތިން ބައްދަލުވުމެއް މިހާތަނަށް ބޭއްވި އިރު، އެ ތިން ބައްދަލުވުންވެސް ބާއްވާފައިވަނީ ނޫސްވެރިން ނުވައްދައި ސިއްރުކޮށްގެނެވެ.

ޝަރީފު ވިދާޅުވި ގޮތުގައި، ކޮމިޓީ ހުޅުވާލައިގެން ކުރިއަށް ދާނަމަ ކޮމިޓީއަށް މައުލޫމާތު ދެއްވާ ފަރާތްތަކުން މައުލޫމަތު ދިނުމަށް ފަސް ޖެހޭ ކަމަށެވެ. އެގޮތުން އެ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައިވެސް ކޮމިޓީ ސިއްރު ކުރަން ޖެހޭ ކަމަށް ޝަރީފު ވިދާޅުވި އެވެ.

"މިއީ ގައުމީ ސަލާމަތާއި ވަރަށް ބޮޑަށް ގުޅުން ހުރި ކަމެއް. މީހުންގެ ރައްކާތެރިކަމާ ގުޅުންހުރި ކަމެއް. ނޫސްވެރިންނަށް ގައުމީ ސަލާމާތާ ގުޅުންހުރި ހުރިހާ ކަމެއް ޝެއާ ކުރަން ޖެޖޭ ކަމަކަށް ނުދެެކެން. އަޅުގަނޑުމެން އެންމެ އިސްކަމެއް ދޭނީ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް،" ކޮމިޓީ ސިއްރުކޮށްގެން ގެންދާ ސަބަބު ހާމަކޮށް ޝަރީފު ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ، މިފަދަ ގާނޫނުތައް ހަދާއިރު ހުރިހާ ގިންތިއެއްގެ ވަރަށް ގިނަ މީހުންނާއި އެފަދަ މީހުންގެ "އިހްލާސްތެރި ހިޔާލާއި ޝުއޫރު" އަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެފަދަ މީހުންގެ ހުށަހެޅުންތަކާއި ކަންކަން ބަލައި ސާފު ކުރަން ޖެހޭ ކަމަށް ޝަރީފު ވިދާޅުވި އެވެ.

"ޓެކްނިކަލް ބަހުސް ދާ ލެވެލްއެއްގައި އޯޕަން ޓީވީގައި އެފަދަ އެއްޗެހި ދައްކަން ފުރުސަތު ދިނުމަކީ، މައުލޫމަތު ދޭ ފަރާތްތަކުން ފަސްޖެހޭ ކަމެއް. އެހެން ވީމަ އެންމެންގެ ސަލާމާތާއި ރައްކާތެރިކަމަށް ބަލަން ޖެހޭ،" ޝަރީފު ވިދާޅުވި އެވެ.

ޓެރެރިޒަމްގެ ބިލުގެ މަސައްކަތް ނިންމުމަށް ކޮމިޓީން ކަނޑައަޅާފައިވަނީ މިއަދަށެވެ.

ޓެރަރިޒަމް ބިލާ ގުޅިގެން ބައެއް ފަރާތްތަކު ކަންބޮޑުވުން ހުރި އިރު، ބިލުގެ މަސައްކަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދާތީވެ، އިދިކޮޅުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.