ރާއްޖޭގައި ވަޒީފާ އަދާކުރަން ބިދޭސީ މަސައްކަތްތެރިން އެތެރެކުރަން ހުއްދަ ހޯދުމަށްޓަކައި ކޯޓާއަށް އެދި އޮޅުވާލައިގެން ސައްހަ ނޫން ލިޔެކިޔުންތަކެއް ހުށަހެޅި ފަރާތްތަކެއްގެ މައްސަލަ ފުލުހަށް ހުށަހަޅައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީންނެރުނު ނޫސްބަޔާނެއްގައިބުނެފައިވަނީ އެފަދަ ލިޔުންތަކެއް ފާހަގަކުރެވެމުންދާ ކަމަށާއި، ސައްހަ ނޫން ލިޔެކިޔުންތަކުގެ މައްސަލަ ތަހުގީގުކުރަން ފުލުހުންނަށް ހުށަހަޅމުންދާ ކަމަށެވެ.

މިއާއެކު އެ މިނިސްޓްރީން ވަނީ މިހާތަނަށް ވަގު ލިޔުން ހުށަހެޅިކަމަށް ފާހަގަކުރެވިފައިވާ 13 ކުންފުންޏަކާއި ފަރާތްތަކެއްގެ ނަންތައްވެސް އާންމުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ނުވަ ކުންފުންޏަކާ (އެ ކުންފުނިތަކުގެ ރެޖިސްޓްރީ ނަންބަރާއި ހިއްސާދާރުންގެ މައުލޫމާތާއެކު) އަދި ހަތަރު މީހެކެވެ.

އެފަދަ ފަރާތްތަކާމެދު އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އަޅާނެކަމަށް މިނިސްޓްރީއިން ވަނީ މީގެ ކުރިންވެސް ބުނެފައެވެ.

ވަގު ލިޔުންތަކާއެކު ރާއްޖެ އެތެރެވާން އުޅުނު ބިދޭސީންތަކެއް މިފަހުން ހިފަހައްޓާފައިވާއިރު ރާއްޖޭގައި މަސައްކަތްކުރާ ބިދޭސިންގެ ތެރެއިން ގާނޫނާ ހިލާފަށް މަސައްކަތްކުރާ މީހުން ގާނޫނުގެ ތެރެއަށް ވެއްދުމަށް އިކޮނޮމިކް މިނިސްޓްރީއިން ވަނީ ފުރުސަތު ހުޅުވާލައިފައެވެ.

"ރެގިއުލަރަޒޭޝަން ޕްރޮގްރާމް"ގެ ނަމުގައި ފެށި މި ޕްރޮގުރާމުގެ ދަށުން ރެގިއުލަރަޒް ވެވޭނީ އެއްވެސް އިރެއްގައި ރާއްޖޭގައި މަސައްކަތް ކުރުމަށް "އެމްޕްލޯއިމަންޓް އެޕްރޫވަލް" ދޫކޮށްފައިވާ ބިދޭސީންނަށެވެ. އަދި އޭގެ ތެރެއިން ކާކުކަން އަންގައިދޭ ލިޔުމެއް ނެތް ފަރާތްތަކަށްވެސް އެ ޕްރޮގްރާމްގެ ދަށުން ރެގިއުލަރައިޒްވުމަށް ހުށަހެޅޭނެއެވެ.

ވަޒީފާ ދޭނެ ފަރާތެއް ލިބި ރެގިއުލަރައިޒްވާން އެދޭ ބިދޭސީން ރެގިއުލަރައިޒްކުރުމަށް ހުށަހަޅާނީ، "އެކްސްޕެޓް އޮންލައިން ސިސްޓަމް" މެދުވެރިކޮށް ވަޒީފާ ދޭ ފަރާތުންނެވެ. މިގޮތުން ވަޒީފާދޭ ފަރާތަކީ ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމަށް ދޫކުރެވޭ ކޯޓާއެއް އޮތް ފަރާތެއްނަމަ، ވަޒީފާދޭ ފަރާތުގެ އަތުގައި ބޭނުންނުކޮށް ބާކީ އޮތް ކޯޓާއަށް ބިދޭސީން ރެގިއުލަރައިޒް ކުރުމަށް އެދެވޭނެއެވެ. އަދި ކޯޓާ ނެތް ފަރާތްތަކުންވެސް ކޯޓާއަށް އެދޭ ވަގުތު ބިދޭސީން ރެގިއުލަރައިޒް ކުރުމަށް ހުށަހެޅޭނެއެވެ.

ބިދޭސީން ގާނޫނުގެ އިމަށް ވެއްދުމުގެ މަސައްކަތް ކުރަމުން ދާނީ ސިވިލް ސާވިސް ކޮމިޝަން ބިލްޑިންގްގައި ހުންނަ އިކޮނޮމިކް މިނިސްޓްރީގެ ލޭބާ ޑިޕާޓްމެންޓުގައެވެ.

ރާއްޖެއަށް ކުރިމަތިވެފައިވާ ބިދޭސީންގެ މައްސަލަ ހައްލު ނުކުރެވިއްޖެނަމަ މަގާމުން އިސްތިއުފާ ދެއްވާނެކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ ވިދާޅުވެފައެވެ. ގާނޫނާ ހިލާފަށް އުޅޭ ބިދޭސީންގެ ސީދާ އަދަދު ނޭނގޭކަމަށާއި ނަމަވެސް އަންދާޒާ ކުރެވޭ ގޮތުގައި އެ އަދަދު މަދުވެގެން 50،000 އަށް ވުރެން މައްޗަށް އަރާނެކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އިމިގްރޭޝަނުން މީގެ ކުރިން ކުރަމުން އައި ބިދޭސީ މަސައްކަތްތެރިން ރާއްޖެ އެތެރެކުރުމަށް ދެވޭ ހުއްދައިގެ މަސައްކަތްތައް އިކޮނަމިކް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައި ވަނީ މިއަހަރުގެ މާޗް 21 ވަނަ ދުވަހުއެވެ.