ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ލިއޮނަލް މެސީ އަށް ވުރެ، ރެއާލް މެޑްރިޑްގެ ޕޯޗުގަލް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ މާ ފުރިހަމަ ކަމަށް އެ ޓީމުގެ ބްރެޒިލް މިޑްފީލްޑަރު ކަކާ ބުނެފި އެވެ.

މެސީ އަކީ މިދިޔަ އަހަރުގެ ފީފާ ބެލޮން ޑީ'އޯ ކާމިޔާބު ކުރި ކުޅުންތެރިޔާ އެވެ. މިދިޔަ ސީޒަނުގައި ބާސެލޯނާ އަށް ހޯދައިދިން ކާމިޔާބުތަކުގެ ސަބަބުން މިފަހަރުގެ އެވޯޑްވެސް ލިބުން އެންމެ ގާތީ މެސީ އަށެވެ. މިދިޔަ ސީޒަނުގައި ބާސާ އިން ހޯދި ކާމިޔާބުތަކުގެ ތެރޭގައި ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމާއި ލަލީގާ ކާމިޔާބު ކުރުން ހިމެނެ އެވެ.

މިމަހު ކުރީ ކޮޅު ރޮނާލްޑޯ ވަނީ ޕިޗީޗީ އެވޯޑް ހާސިލު ކޮށްފަ އެވެ. މިއެވޯޑު ރޮނާލްޑޯ އަށް ލިބުނީ މިދިޔަ ސީޒަނުގައި ރެއާލް މެޑްރިޑަށް 41 ގޯލު ކާމިޔާބު ކޮށްދީ، ލަލީގާގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އަށް ވުމުން ނެވެ.

"މެސީ އަކީ އާދަޔާ ޚިލާފު ކުޅުންތެރިއެއް. އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެނީ ހުރިހާ ކަމަކަށް ބަލާފައި. ރޮނާލްޑޯ އާއި މެސީ އަކީ މިހާރުގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިން. އެހެން ނަމަވެސް މިހާރުގެ ކުޅުމަށް ބަލާފައި މެސީ އަށް ވުރެ ރޮނާލްޑޯ މާ ފުރިހަމަ. ރޮނާލްޑޯ އަށް ދެފައިން ވެސް ގިނަ ގޯލުތަކެއް ޖެހޭ. އޭގެ އިތުރުން ބޮލުންނާއި، ހިލޭޖެހުން ތަކުގައި ވެސް ރޮނާލްޑޯ ގިނަ ގޯލުތަކެއް ކާމިޔާބު ކުރޭ." ކަކާ ބުންޏެވެ.

ކަކާ އަކީ ވެސް ރޮނާލްޑޯ އާއި އެކު 2009 ވަނަ އަހަރު ރެއާލް މެޑްރިޑާއި ގުޅުނު ކުޅުންތެރިއެކެވެ.
މެންޗެސްޓާ ޔުނައިޓެޑަށް ކުޅުމަށް ފަހު ރެކޯޑް ޓްރާންސްފާ ފީއެއްގައި ރެއާލް މެޑްރިޑަށް ރޮނާލްޑޯ ބަދަލުވި އިރު، ކަކާ ރެއާލް އަށް ބަދަލުވީ އޭސީ މިލާނުން ރެކޯޑް ފީއެއްގަ އެވެ.