ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފި އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލީ، މިދިޔަ ބުރާސްފަތި ދުވަހު އެވެ. ކުރިން އޮތް ގޮތުން މަގާމުތަކަށް ކުރިމަތިލުމުގެ މުއްދަތު ހަމަވަނީ މާދަމާގެ ނިޔަލަށެވެ. އެ އިންތިހާބަށް ވޯޓު ލެވޭނީ ވެސް ބުރާސްފަތި ދުވަހުގެ ނިޔަލަށް ޕާޓީގެ ރަޖިސްޓްރީގައި ތިބި މީހުންނަށް ކަމަށް އޭރު އިއުލާން ކުރި އެވެ.

އިންތިހާބާ ގުޅޭ ގޮތުން މައުލޫމަތު ދެއްވުމަށް އެ ޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް، އަފްޝަން ލަތީފު ވިދާޅުވީ، މަގާމުތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރު ކުރުމަށް ގިނަ ބަޔަކު އެދެމުންދާތީވެ، މުއްދަތު އިތުރު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

"ގިނަ ދާއިރާތަކުން އެކަމަށް [މުއްދަތު އިތުރު ކުރުމަށް] އެދިފައިވާތީވެ، އަޅުގަނޑުމެން ވާނީ، އިންތިހާބުގެ މަގާމުތަކަށް ކުރިމަތިލުމުގެ މުއްދަތު ފަސް ކުރުމަށް، އިތުރު ހަތަރު ދުވަސް އިތުރު ކުރުމަށް. އެހެން ކަމުން މިހާރު ކަނޑައެޅިފައިވާ ޑެޑްލައިން އަކީ [އަންނަ ހަފްތާގެ] ހޯމަ ދުވަސް،" އަފްޝަން ވިދާޅުވި އެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: އެތެރޭގެ އިންތިހާބަށް ވަނީ ހަތަރު ދުވަސް އިތުރުކޮށްފައި -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އަފްޝަން ވިދާޅުވީ، މަގާމުތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރު ކުރި ނަމަވެސް އިންތިހާބުގައި ވޯޓު ލެވޭނީ، ކުރިން ވެސް އިއުލާން ކުރި ގޮތަށް، ބުރާސްފަތި ދުވަހުގެ ނިޔަލަށް ޕާޓީގެ ރަޖިސްޓްރީގައި ތިބި މީހުންނަށް ކަމަށެވެ.

އަފްޝަން ވިދާޅުވި ގޮތުގައި، އެމްޑީޕީ އިންތިހާބުތަކަށް ކެމްޕޭން ކުރަން ފަށަނީ ވަރަށް ބޮޑަށް އިންތިޒާމްވެ ރޭވިގެން ކަމަށާއި އެގޮތުން އަންނަ އަހަރު އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބު ކުރިމަތިވާ އިރު، އެމްޑީޕީގެ އެތެރެގެ މަގާމުތައްކަށް މެމްބަރުން އިންތިހާބުވެފައި ތިބުމަކީ، މުހިންމު ކަމެއް ކަމަށް ޕާޓީން ދެކޭ ކަމަށެވެ. އަދި މިފަދަ އެތެރޭގެ އިންތިހާބުތަކަށް ދާއިރާތަކުގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބިމުންދާ ކަމަށް އަފްޝަން ފާހަގަ ކުރެއްވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ އިންތިހާބު ކޮމިޓީގެ މުގައްރިރު، މުހައްމަދު އިބްރާހިމް މަނިކު ވިދާޅުވީ، އެތެރޭގެ އިންތިހާބު ބާއްވާނީ ހުސްވެފައިވާ 45 ދާއިރާގެ 104 މަގާމަށް ހުޅުވާލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ބައެއް ދާއިރާތަކުގެ ރައީސް އަދި ނައިބު ރައީސުންނާއި ސެކެޓްރީޖެނެރަލްގެ ރައީސް އަދި ނައިބު ރައީސް އާއި އެހެނިގެން މަގާމުތައް ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ދާއިރާތަކުގެ ވޯޓުލުން އޮންނާނީ، އެ ދާއިރާތަކުގެ އޮފީސްތަކުގައި އާއި ރަށްރަށުގެ ހަރުގެގައި ކަމަށް މަނިކު ވިދާޅުވި އެވެ.

ހުސްވެފައިވާ މަގާމުތަކުގެ ތަފްސީލު:

  • ދާއިރާ ރައީސުން 5

  • ދާއިރާ ނައިބު ރައީސް 7
  • ސެކެޓްރީ 27
  • ސެކެރެޓަރީގެ ނައިބު 29
  • މައުލޫމަތާއި އިސްތިހާރު، އާންމު އެންގުންތަކާ ބެހޭ ސެކެޓްރީ 36

އިންތިހާބު އޮތީ އަންނަ މަހު 18 ވަނަ ދުވަހު، ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށެވެ.