އެމެރިކާގެ ކޯސްޓުގާޑުން އެގައުމު ކައިރިން ހިފެހެއްޓި ސަބްމެރިންއަކުން 165 މިލިއަން ޑޮލަރުގެ މަސްތުވާތަކެތި ފެނިއްޖެ އެވެ.

ކޯސްޓުގާޑުން އިއްޔެ ނެރުނު ބަޔާނެއްގައިވާ ގޮތުން މިމަހުގެ އެކެއްގައި ފެނުނު އެސަބްމެރިނުން 12،000 ޕައުންޑު (5443 ކިލޯ)ގެ ކޮކެއިން ފެނުނެވެ. އަދި ސަބްމެރިން ފެނުނީ ޕެސިފިކް ކަނޑުގެ އިރުންނެވެ.

އެބަޔާނުގައިވާ ގޮތުން ސަބްމެރިން ފެނުމުން ކޯސްޓުގާޑުން އެސަބްމެރިން ކައިރިއަށް ކުޑަ ދެ ބޯޓު ފޮނުވި އެވެ. އަދި އެއުޅަނދުން މަސްތުވާތަކެތި ފެނުމުން އޭގައި ތިބި ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެ އޮޕަރޭޝަނުގައި އެހީވުމަށް ކޮލޮމްބިއާގެ ކަނޑުގެ ސިފައިންވެސް ދިޔަ ކަމަށް ބަޔާނުގައިވެ އެވެ.

އެމެރިކާގެ ކޯސްޓުގާޑުން ބުނި ގޮތުގައި އެސަބްމެރިން މިސްރާބު ޖަހާފައި އޮތީ އެމެރިކާއަށް ކަމަށްވީ ނަމަވެސް އެއީ ކޮން ގައުމަކަށް ނިސްބަތްވާ އުޅަނދެއް ކަމެއް އަދި ނޭނގެ އެވެ.