މާލެ ސިޓީގައި މިއަދު މުދަލު ޒަކާތް ބަހަން ފަށާފައި ވާއިރު، އަތޮޅު ތެރޭގައި އެ މަސައްކަތް ފެށޭނެ ދުވަހެއް ބުނަން ނޭނގޭ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ މިއަދު އަތޮޅު ތެރޭގައި މުދަލު ޒަކާތް ބަހަން ފެށިފައި ނުވަނީ، އަތޮޅު ތެރޭގެ ފަގީރުންނާއި މިސްކީނުންގެ ލިސްޓަށް ލިބިފައިވާ ޝަކުވާތަކާ ގުޅިގެން ކަމަށެވެ.

"އެހެންވެ ލިސްޓު އަދި މުޅިން ފައިނަލް ނުކުރެވިގެން މިއުޅެނީ،" އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ ލިސްޓު މުޅިން ފައިނަލް ވުމާ އެކު އަތޮޅު ތެރޭގައި ވެސް މުދަލު ޒަކާތް ބަހަން ފަށާނެ ކަމަށެވެ. ނަމަވެސް ވަކި ދުވަހެއް ކަނޑައެޅިގެން ބުނަން ނޭނގޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މާލެ ސިޓީގައި ފަގީރުންނާއި މިސްކީނުންގެ ގޮތުގައި 1719 މީހުން ރަޖިސްޓްރީކޮށްފައި ވާއިރު، ބޮލަކަށް 2000 ރުފިޔާގެ މަގުން މިއަދު ވަނީ މުދަލު ފިތުރު ޒަކާތް ބަހަން ފަށައިފަ އެވެ.

މާލެއާއި ހުޅުމާލެ އަދި ވިލިނގިލީގައި ޒަކާތް ދޫކުރުން ކުރިއަށް ދާނީ މިއަދާއި މާދަމާ ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 9.30 އިން މެންދުރު 14:30 އަށް އިސްލާމީ މަރުކަޒުގެ ހޯލުގަ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ޒަކާތް ދޫކުރާނީ ފަގީރުންނާއި މިސްކީނުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުން މުއްދަތު ހަމަނުވާ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ޕާސްޕޯޓު ނުވަތަ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސްގެ އަސްލު ހިފައިގެން ދިއުމުންނެވެ.

ކިޔު ނަންބަރަކަށް ގިނަވެގެން ޒަކާތް ދޫކުރަން ހަމަޖެހިފައި ވަނީ 15 އައިޑީ ކާޑަށެވެ.