ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާގައި ދައުލަތުގެ ފަރާތުން ހެއްކެއްގެ ގޮތުގައި ހުށަހެޅި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ކުރީގެ ރައީސް ހަސަން ލުތުފީ، ހެކިބަސް ދިނުމަށް ދެކޮޅު ހެދުމުން ފުލުހުންގެ ތަހުގީގަށް އޭނާ ބަޔާން ދެއްވިއިރު ނަގާފައިވާ ވީޑިއޯ ބެލުމަށް ނިންމައިފި އެވެ.

އެގޮތަށް ނިންމާފައިވަނީ، ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ އެ ދައުވާގައި މިހާރު ކުރިއަށްދާ އަޑުއެހުމުގަ އެވެ.

ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މައްސަލަތަކުގައި ހެކިބަސް ދޭން ބަޔަކު މަޖުބޫރުކުރި ކަމަށް ބުނެ ހަސަން ލުތުފީ ވަނީ ކްރިމިނަލް ކޯޓަށް ސިޓީއެއް ފޮނުވާފަ އެވެ.

"ދައުލަތުން ހުށަހަޅާފައިވާ ހެއްކެއް ތަހުގީގަށް ދީފައިވާ އިންޓަވިއުގެ ރިކޯޑިން ބެލުމާއި މެދު އިންޓަވިއުގެ ރިކޯޑިން ސިޑީ ޝަރީއަތުން ބަލައިގަތުމަށް މި ނިންމަނީ،" ހައިލަމް ވިދާޅުވި އެވެ.

އެހެން ނަމަވެސް އެ ރިކޯޑިން ބަލާނީ ޝަރީއަތުގެ މަޖިލީހުގައި ނޫން ކަން ހައިލަމް ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ އެ ޝަރީއަތުން އެ ރިކޯޑިން ބެލުމަށް ނިންމާފައިވާއިރު ދައުވާ ލިބޭ ފަރާތުން ވެސް ރިކޯޑިން ބަލަން ބޭނުންނަމަ ކޯޓުގައި އެ އިންތިޒާމްތައް ހަމަޖައްސައި ދެއްވާނެ ކަމަށެވެ.

ހެކިބަސް ދިނުމަށް ހަސަން ލުތުފީ ދެކޮޅު ހަދާފައިވާއިރު އޭނާ މިހާރު ދިރިއުޅުއްވަމުން ގެންދަވަނީ ވެސް ރާއްޖެ އިން ބޭރުގަ އެވެ.