13 Nov 2011, 09:58
މާލެއިން ބޭރުގައި ބާއްވާ ފުރަތަމަ މިސްޓާ އެމްއެންޑީއެފް މުބާރާތުގެ ޕްރީ ޖަޖިން އިވެންޓް ރޭ އައްޑޫ ސިޓީގައި ބާއްވައިފި އެވެ.
އައްޑޫ ސިޓީގެ މަރަދޫފޭދޫ ސްކޫލުގައި ރޭ ކުރިއަށްދިޔަ ޕްރީ ޖަޖިން އިވެންޓްގައި “މިސްޓާ އެމްއެންޑީއެފް”ގެ މި އަހަރުގެ މުބާރާތުގައި ވާދަކުރާ 14 ބައިވެރިންގެ ހަށިގަނޑު ދައްކާލާފައިވެ އެވެ.
ތިން ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށްދިޔަ މިމުބާރާތުގެ ރޭގެ އިވެންޓް ޖަޖުކޮށްދެއްވީ ބޮޑީބިލްޑިން ދާއިރާ އިން މިހާރު ރާއްޖޭގައި ތިއްބެވި އެންމެ ފުންނާބު އުސް ބޭކަލުންގެ ޓީމެކެވެ.
މުބާރާތުގައި ވާދަކުރާ ތިން ކެޓަގަރީކަމުގައިވާ ލައިޓް ވެއިޓް ކެޓަގަރީ އާއި ފްލައިވެއިޓް ކެޓަގަރީ އަދި ވެއިޓަވެއިޓް ކެޓަގަރީން ޕާޓިސިޕެންޓުން ރޭ ވާދަކޮށްފައިވެ އެވެ.
ރޭ ބޭއްވި ޕްރީ ޖަޖިން އިވެންޓުގައި ޖަޖުން ވަނީ އެންމެ ގަދަ ފަސް ބޮޑީބިލްޑަރުން ހޮވާފަ އެވެ. އަދި މިރޭ އިކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރުގައި އޮންނަ މިސްޓާ އެމްއެންޑީއެފް ގްރޭންޑް ފިނާލޭ ޝޯގައި މި ފަސް ބައިވެރިންގެ ނަން އިޢުލާނުކޮށް، މުބާރާތުގެ ފައިނަލްގައި މި ފަސް ބޮޑީބިލްޑަރުން ވާދަކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ރާއްޖޭގެ ވަރަށް ގިނަ ފަންނާނުންތަކެއް ފެނިގެންދާނެ ގްރޭންޑް ފިނާލޭ ޝޯގައި “މިސްޓާ އެމްއެންޑީއެފް 2011″ ގެ މަޤާމް ހޮވާނެ އެވެ.
މިފަހަރު މިމަޤާމު ހާސިލްކުރާ ފަރާތަކަށް 50،000ރ. އާއި މުނިހޯމް ކެއާ އިން ހުށަހަޅާ ސޯފާ ސެޓެއް ދިނުމަށް ވަނީ ހަމަޖައްސާފަ އެވެ. އަދި ބެލުންތެރިންގެ މެދުގައި އެސްއެމްއެސް ކޮށްގެން މިސްޓާ އެމްއެންޑީއެފްގެ މަޤާމް ދިމާކުރާ ފަރާތުގެ މެދުގައި ބާއްވާ ގުރުއަތުލުމުން ދިމާވާ ފަރާތަކަށް އެސްޓީއޯ އިން ހުށަހަޅާ 21 އިންޗީގެ އެލްސީޑީ ޓީވީއެއް ދިނުމަށް ނިންމަވާފައިވެ އެވެ.
މިފަހަރުގެ މިސްޓާ އެމްއެންޑީއެފް މުބާރާތުގެ މެއިން ސްޕޮންސަރައަކީ އެސްޓީއޯ އެވެ. އަދި އިވެންޓް އޮގަނައިޒްކޮށް މެނޭޖްކުރާ ފަރާތަކީ ހައިރައިޒް އެވެ.