25 Sep 2019, 12:35
މިދިޔަ އޮގަސްޓުމަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 12.4 ޕަސެންޓް އިތުރުވެފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުނެފި އެވެ.
އެ މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަލީވަހީދު މިއަދު ވިދާޅުވީ މިދިޔަ މަހު 139،338 ފަތުރުވެރިން ރާއްޖެެ ޒިޔާރަތްކުރި ކަމަށެވެ.
މިދިޔަ މަހުގެ ނިޔަލަށް 1.13 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 16.6 ޕަސެންޓު އިތުރު އަދަދެކެވެ.
މިދިޔަ މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު އެއް ގައުމަކުން ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ ޗައިނާ އިންނެވެ. އަދި އިންޑިއާ މާކެޓު ކުރިއަށް ޖެހިލިއިރު ތިންވަނާގައި އޮތީ އިޓަލީ އެވެ. ހަތަރުވަނާގައި ޖަރުމަނު އޮތްއިރު ފަސްވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިނގިރޭސިވިލާތުންނެވެ.
މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު އެމެރިކާ އަދި ޔޫރަޕް މާކެޓުން ފާހަގަކުރެވޭ ވަރުގެ ބޮޑު ކުރިއެރުމެއް ފަތުރުވެރިކަމުގެ ދާއިރާއިން ވަނީ ހޯދައިފަ އެވެ. އެގޮތުން މިމަހުގެ ނިޔަލަށް އެމެރިކާ ބައްރުން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު 25 ޕަސެންޓު އިތުރުވެފައިވެ އެވެ. ޔޫރަޕުން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 15.6 ޕަސެންޓު އިތުރުވެފައިވާކަމަށް ތަފާސް ހިސާބުތައް ދައްކަ އެވެ.
މިއަހަރުގެ އޮގަސްޓުމަހުގެ ނިޔަލަށް 49،731 ޓޫރިސްތު އެނދު ރެޖިސްޓްރީކޮށްފައިވާއިރު އޮޕަރޭޓު ކޮށްފައިވަނީ 46،145 އެނދެވެ. މިމުއްދަތުގައި ރާއްޖޭގައި ފަތުރުވެރިން އެނދު ބޭނުންކޮށްފައިވާ ނިސްބަތަކީ 63.6 ޕަސެންޓްގަ އެވެ. އަދި މިމުއްދަތުގައި ރާއްޖޭގައި ފަތުރުވެރިން ހޭދަކޮށްފައިވާ ރޭގެ އަދަދު 12.4 ޕަސެންޓު އިތުރުވެފައިވާކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީ އިން ބުންޏެވެ.
އޮގަސްޓުމަހު ފަތުރުވެރިން އެވްރެޖުކޮށް 6.3 ރޭ ރާއްޖޭގައި ހޭދަކޮށްފައިވެ އެވެ.