ބޮލަކަށް 2000 ރުފިޔާގެ މަގުން ފަގީރުންނާއި މިސްކީނުންނަށް މުދަލު ޒަކާތް ބަހަން ފަށައިފި އެވެ.

އިސްލާމިން މިނިސްޓްރީން ބުނީ މާލެ ސިޓީގައި ފަގީރުންނާއި މިސްކީނުންގެ ގޮތުގައި 1719 މީހުން ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.

މާލެއާއި ހުޅުމާލެ އަދި ވިލިނގިލީގައި ދިރިއުޅޭ ފަގީރުންނާއި މިސްކީނުންނަށް މުދަަލު ޒަކާތް ބަހަން ފަށާފައި ވަނީ މިއަދު އެވެ. ޒަކާތް ދޫކުރުން ކުރިއަށް ދާނީ މިއަދާއި މާދަމާ ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 9.30 އިން މެންދުރު 14:30 އަށް އިސްލާމީ މަރުކަޒުގެ ހޯލުގަ އެވެ.

ނަމަވެސް ނަމާދު ވަގުތަށް ޒަކާތް ދޫކުރާ ކައުންޓަރުތައް ބަންދުވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ޒަކާތް ދޫކުރާނީ ފަގީރުންނާއި މިސްކީނުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުން މުއްދަތު ހަމަނުވާ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ޕާސްޕޯޓު ނުވަތަ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސްގެ އަސްލު ހިފައިގެން ދިއުމުންނެވެ.

ކިޔު ނަންބަރަކަށް ގިނަވެގެން ޒަކާތް ދޫކުރަން ހަމަޖެހިފައި ވަނީ 15 އައިޑީ ކާޑަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ މީހުންނަށް މުދަލު ޒަކާތް ބެހުމުގެ މަސައްކަތް މިނިސްޓްރީން ކުރިއަށް ގެންދާއިރު، އެ މަސައްކަތް އަތޮޅު ތެރޭގައި ކުރިއަށް ގެންދާނީ ރަށު ކައުންސިލްތަކުން ކަމަށެވެ.