މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ 20 އަތޮޅެއްގައި ހިންގާ 1061 ޓޫރިސްޓު ޕްރޮޕަޓީ އިންސްޕެކްޓުކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީ އައި ސަލާމަތީ ބާރުތައް ގުޅިގެން ފަތުރުވެރިކަމުގެ ފެސިލިޓީސްތައް އިންސްޕެކްޓުކުރުމަށް ކުރިއަށްގެން ދިޔަ ޕްރޮގްރާމު ނިންމާލިއިރު ޖުމްލަ 1061 ފެސިލިޓީ ޗެކު ކުރި ކަމަށެވެ. އޭގެ ތެރޭ ހިމެނެނީ މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ 81 ޓޫރިސްޓު ފެސިލިޓީ އާއި 143 ރިސޯޓާއި ތިން ޔޮޓް މެރީނާ، 10 ހޮޓެލް، 535 ގެސްޓްހައުސް އަދި 194 ޑައިވް ސެންޓަރެވެ.

މި އިންސްޕެކްޝަންތަކުގައި ބަލާފައިވާނީ ހިނގައިފާނެ އަލިފާނުގެ ހާދިސާއަކުން ރައްކާތެރިވުމަށް ސަލާމަތީ ގޮތުން އެޅިފައިހުރި ފިޔަވަޅުތަކާއި ފަތުުރުވެރިންގެ ސަލާމަތައި ރައްކާތެރިކަމަށް އެޅިފައިވާ ފިޔަވަޅުތަކާއި މުވައްޒަފުންނަށް ލިބެންޖެހޭ ހިދުމަތްތަކާއި ވަޒީފާގެ ގާނޫނުގެ ދަށުން މުވައްޒަފުންނަށް ލިބެންޖެހޭ ހައްގުތައް، ސާވިސްޗާޖު އަދި ދިވެހި މުވައްޒަފުން ވަޒީފާގައި ތިބި ނިސްބަތެވެ.

މި އިންސްޕެކްޝަނާ ގުޅޭ ރިޕޯޓެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިކަންކަން އަޅުގަނޑުމެން މިބަލަނީ އިސްލާހުކޮށް ރަނގަޅު ކުރުމުގެ ނިޔަތުގައި. މިކަންކަން ބެލުމަށްފަހު ފެކްްޓްސް ތަކުގެ މައްޗަށް ރިސޯޓް މުވައްޒަފުންގެ ދަފްތަރު ލޯންޗުކޮށް، ސިޔާސަތުގެ ގޮތުގައި ގެންނަން ހުރި ބަދަލުތައް ސަރުކާރުގެ ފަރާތުން ގެންނާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މީގެ ފަހުން ކޮންމެ އަހަރަކު އެއްފަހަރު ޓޫރިސްޓު ޕްރޮޕަޓީތައް އިންސްޕެކްޓު ކުރާނެ ކަމަށެވެ. އަދި މިފަހަރު ކުރިއަށްގެންދިޔަ އިންސްޕެކްޝަނުން ފާހަގަވި ކަންތައް މިއަހަރު ނިމުމުގެ ކުރިން ޕްރޮޕަޓީތަކަށް އަންގާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ވިދާޅުވި އެވެ.

"މިއީ އަޅުގަނޑުމެން ރެގިއުލޭޓަރީ ބޮޑީއެއްގެ ހައިސިއްޔަތުން ކަންތައް ރަނގަޅު ކުރުމަށް އެޅިގެންދިޔަ ވަރަށް ބޮޑު ފިޔަވަޅެއް،" މިނިސްޓަރު ވިދާޅުވި އެވެ. "މިއަންނަ އަހަރު އަޅުގަނޑުމެން އިންސްޕެކްޝަން ފަށާނީ މޭ ޑޭގެ ފަހުން. އެއީ ރިސޯޓުތަކަށް ރަނގަޅު ކުރަން ހުރި ކަންތައް ރަނގަޅު ކުރުމަށް ވަގުތު ދިނުމަށްފަހު. ކޮންމެ އަހަރަކު އަޅުގަނޑުމެން ދޭނަން އިންސްޕެކްޝަން ސްޓިކާ އެއް. ޖެނުއަރީ އެކަކަށް އަޅުގަނޑުމެން މި ސްޓިކާ ފޮނުވާނަން ރަނގަޅު ކުރަން ހުރި ކަންތައްތަކާއެކު. މިނިމަމް ހަމަވާނަމަ އެ ސްޓިކާ ލިބޭނީ ޓޫރިސްޓުން ބޭތިއްބުމުގެ ހުއްދަ ލިބޭނީ،"

މިއަހަރު ފެށުނުއިރު ޓޫރިސްޓް ޕްރޮޕަޓީތަކުގައި ނުރައްކާތެރި ހާދިސާތައް ހިނގި އެވެ. ގެނބިގެން މަރުވާ ޓޫރިސްޓުންގެ އަދަދު އިތުރުވުމުން ޓޫރިސްޓު ފެސިލިޓީތަކުގައި ސަލާމަތީ ގޮތުން ކަންތައް ހުރިގޮތް ބަލަން އިންސްޕެކްޝަނެއް ފެށީ ފެބްރުއަރީ ހަތްވަނަ ދުވަހު އެވެ.