ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާގައި އެމަނިކުފާނުގެ ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހެޅި އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަޒީމާ އާދަމް ހެކިބަސް ދިނުމަށް އުޒުރުވެރި ވެއްޖެ އެވެ.

ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދާ އެ ޝަރީއަތުގެ މަޖިލީހުގައި، މައްސަލަ ބައްލަވާ ގާޒީ އަހްމަދު ހައިލަމް ވިދާޅުވީ، ދިފާއީ ހެއްކެއްގެ ގޮތުން ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި އަޒީމާ އާދަމް، ހެކިބަސް ދެވެން ވަޑައިގެންނެވެން ނެތް ކަމަށް ބުނެ އެ ކޯޓަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ. އަދި އެ ސިޓީ ފޮނުވާފައިވަނީ މިއަދު ކަމަށް ވެސް ހައިލް ވިދާޅުވި އެވެ.

"ސިޓީގައި ބަޔާން ކުރާ ގޮތުން އެ ފަރާތުން ވަޒީފާ އަދާކުރަމުން ދަނީ ރާއްޖެއިން ބޭރުގައި ކަމަށްވާތީ ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތަށް ކޯޓަށް ހާޒިވެވެން ނެތް ކަމާއި އަދި މި މައްސަލައިގައި ހެކިވެރިޔާ ނުވަތަ އަޒީމާގެ ފަރާތުން އަދާކުރެވޭނެ ހެކިބަހެއް ނެތުމާއި އެކު ކޯޓަށް ހާޒިރުވެވެން އުޒުރުވެރިވާ ކަމަށް ވެސް ވަނީ ވިދާޅުވެފައި،" ހައިލް ވިދާޅުވި އެވެ.

އަޒީމާ އެހެން ވިދާޅުވެފައި ވުމުން، އޭނާގެ ހެކިބަސް ނެގުމާއި މެދު ނިހާއީ ނިންމެވުމެއް ނިންމުމަށް ރައީސް ޔަމީންގެ ފަރާތުން ވަނީ ޝަރީއަތުގައި އެދިފަ އެވެ. އަދި ޝަރީއަތުން ނިންމީ، ހެކިވެރިޔާ ހެކިބަސް ދިނުމަށް އުޒުވެރިވެފައިވާތީ އޭނާގެ ހެކިބަސް ނުނެގުމަށެވެ.

އަޒީމާ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ ދައުވާގައި ބުނާ މުއާމަލާތްތައް ކުރީ އެމްއެމްއޭއިން އެއީ ސައްހަ މުއާމަލާތްތަކެއްތޯ ބެލުމަށްފަހުކަން ސާބިތު ކުރުމަށެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑާ ކުރުމުގެ ދައުވާ އުފުލާފައި ވަނީ، އެސްއޯއެފް ޕްރައިވެޓް ލިމިޓެޑު ކިޔާ ކުންފުންޏަކުން ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކޮށްފައި ވާތީ އެވެ.