ގާހިރާ (ސެޕްޓެމްބަރު 25): މީގެ ތިން އަހަރު ކުރިން އިޖިޕްޓް އެޔާގެ މަތިންދާބޯޓެއް ހައިޖެކް ކުރި މީހަކު އުމުރަށް ޖަލަށް ލާން މިސްރުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.

މާޗް 2016އިގައި މިސްރުގެ ރައްޔިތެއް ކަމަށްވާ ސައިފުއްދީން މުސްތަފާ އެގައުމުގެ ގައުމީ އެއާލައިނުގެ ބޯޓެއް ހައިޖެކް ކުރީ އޭނާ ހުރީ ގޮވާތަކެތި ހަރުކޮށްފައިވާ ބެލްޓެއް އަޅައިގެން ކަމަށް ބުނެ އެވެ. އަދި އޭނާ ބޭނުންވީ އިސްކަންދަރިއްޔާއިން ގާހިރާއަށް ފުރަން އޮތް އެބޯޓުން ސައިޕްރަސްއަށް ދާށެވެ.

އޭގެ ސަބަބުން 81 މީހުންނާ އެކު ދަތުރު ކުރަމުން ދިޔަ އެބޯޓު ސައިޕްރަސްގައި ޖެއްސި އެވެ. އަދި އޭގެ ފަސް ގަޑި އިރު ފަހުން ހުރިހާ ފަސިންޖަރުންނާއި ކުރޫ ދޫކޮށްލުމަށް ފަހު، މުސްތަފާ އަމިއްލައަށް ފުލުހުންނާ ހަވާލުވި އެވެ.

މުސްތަފާ ހައްޔަރު ކުރުމުން އޭނާ ފުލުހުންގެ ގާތުގައި ބުނި ގޮތުގައި ބޯޓު ހައިޖެކް ކުރީ އޭނާގެ ކުރީގެ އަންހެނުންނާއި ދަރިފުޅާ ބައްދަލު ކުރުމަށްޓަކަ އެވެ. މުސްތަފާގެ ކުރީގެ އަންހެނުންނަކީ ސައިޕްރަސްގެ އަންހެނެކެވެ.

ނަމަވެސް ސައިޕްރަސްގެ ކޯޓުގައި އޭނާ ބުނީ އެބޯޓު ހައިޖެކް ކުރީ، މިސްރުގެ ސަރުކާރަށް ފާޑު ކިޔުމުގެ ސަބަބުން ހައްޔަރު ކުރި 63 އަންހެނަކު ދޫކޮށްލުމަށް ގޮވާލުމަށް ކަމަށެވެ.

އޭގެ ފަހުން ސައިޕްރަސްއިން ވަނީ މުސްތަފާ މިސްރާ ހަވާލުކޮށްފަ އެވެ.

މިސްރުގެ ކޯޓުން މުސްތަފާގެ މައްޗަށް ކުރި ޖަލު ހުކުމް އިސްތިއުނާފު ކުރުމަށް އޭނާއަށް 60 ދުވަސް ލިބޭނެ އެވެ.