25 Sep 2019, 11:52
ދުނިޔޭގެ އެންމެ ދުވަސްވީ ޓްރެވަލް ކުންފުނި އަދި ރާއްޖޭގެ ފަތުރުވެރިކަމުގައި ބޮޑު ހިއްސާއެއް އަދާކުރި އިނގިރޭސިވިލާތުގެ ކުންފުނި ތޯމަސް ކުކް ބަނގުރޫޓްވެ ކުއްލިއަކަށް އޮޕަރޭޝަންތައް ހުއްޓާލިއިރު، އެކުންފުނިން ރާއްޖެ އައި 804 ފަތުރުވެރިން ރާއްޖޭގައި ތިބިކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކުންފުނި ބަނގުރޫޓުވިކަން އިއުލާނު ކުރުމާއެކު ރާއްޖޭގައި ތިބި ފަތުރުވެރިންގެ ތެރެއިން ތޯމަސް ކުކް މެދުވެރިކޮށް އައިސްފައިވާ ފަތުރުވެރިން ދެނެގަނެ އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ފެށި ކަމަށެވެ.
"ތޯމަސް ކުކް ބަނގުރޫޓުވި ހަބަރާއެކު އަޅުގަނޑުމެން ވަގުތުން ވަގުތަށް އަދި ލޯންގް ޓާމަށް އަޅަންޖެހޭ ފިޔަވަޅުތައް މިދަނީ އަޅަމުން. މިނިސްޓްރީ އޮފް ޓޫރިޒަމް، އެމްއެމްޕީއާރުސީ، ރައީސް އޮފީސް، ފޮރިން މިނިސްޓްރީ، އިކޮނޮމިކް މިނިސްޓްރީ، ފިނޭންސް މިނިސްޓްރީ، ބަންޑާރަ ނައިބުގެ އޮފީސް އަދި މަޓީ އާއެކު މަޝްވަރާކޮށްފައި،" މިނިސްޓަރު ވިދާޅުވި އެވެ.
އެކަމާ އެކު، ފަތުރުވެރިންނަށް ދޭންޖެހޭ އެހީތެރިކަން އެއާޕޯޓާ ހިސާބުން ދެމުންދާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މިހާރު އަޅުގަނޑުމެންގެ ސެންޓަރެއް އެޗްއައިއެޗް ގައި ވަނީ ގާއިމް ކޮށްފައި. އިއްޔެ ޒިޔާރަތްކުރިން އެއާޕޯޓަށް، ފަތުރުވެރިންގެ ތެރެއިން އެވަގުތު އެއާޕޯޓުގައި ތިބި ފަތުރުވެރިންނާ ބައްދަލުކޮށް އަޅުގަނޑުމެން އިންޑަސްޓްރީ އާއެކު މަސައްކަތް ކުރަމުން މިދަނީ ރާއްޖެއަކީ އެހެން ގައުމުތަކާ ހިލާފަށް ހިދުމަތާ މެހުމާން ދާރީގައި ނަމޫނާ ގައުމެއްކަން ދެއްކުމަށް މަސައްކަތް ކުރަމުން،" މިނިސްޓަރު ވިދާޅުވިއެވެ.
ތޯމަސް ކުކް ބަނގުރޫޓުވިއިރު ރާއްޖޭގެ ބައެއް ކުންފުނިތަކަށާއި ރިސޯޓުތަކަށް އެ ކުންފުނިން ދައްކަން ޖެހޭ ފައިސާވެސް ހުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ މިކަމުގައި ފައިނޭންޝަލް އޭންގަލް އިންވެސް. ބައެއް ކުންފުނިތަކަށް އެބަހުރި ދައްކަންޖެހޭ ފައިސާވެސް ތޯމަސް ކުކް އިން. ބައިވަރު ބުކިން ވެސް އެބަހުރި. މި ހާލަތުގައި ސަރުކާރު އޮންނާނީ އިންޑަސްޓްރީ އާވެސް އެކު، ފަތުރުވެރިންނާވެސް އެކު،" އަލީ ވަހީދު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ތޯމަސް ކުކް ބަނގުރޫޓުވިކަން އިއުލާނު ކުރި އިރު ރާއްޖެ އައުމަށް ދަތުރުކުރަމުންދިޔަ މީހުންނަށާއި އޭރު ރާއްޖޭގައި ތިބި މީހުންނަށް ކުރިއަށް ދެވޭނެގޮތް ފަހިކޮށްދިނުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީ އިން މިއަދު ބޭޢްވި ޕްރެސްގެ ތެރެއިން -- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް
"އިންޑަސްޓްރީ އިން މަސައްކަތް ކުރަމުން މިދަނީ، ތޯމަސް ކުކް އާއެކު މިއޮތީ އެގްރީމެންޓު އެކަމަކު ރިސޯޓުތަކުން ދަނީ ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް މަސައްކަތް ކުރަމުން. ބައެއް ރިސޯޓުތަކުން ހިލޭ ވެސް އެބަ އެކޮމޮޑޭޝަން ދޭ. ބައެއް ފަތުރުވެރިްނ އެހެން ޕެކޭޖުތަކުގައިވެސް އެބަ ރިސޯޓުތަކަށް ދޭ،" ތޯމަސް ކުކް އަކީ ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ގެންނަ ކުންފުންޏެއްކަން ފާހަގަ ކުރައްވާ އަލީ ވަހީދު ވިދާޅުވި އެވެ.
އެކުންފުނި ބަނގުރޫޓުވުމުން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާނެ އަސަރު ކުޑަކުރުމަށް މަސައްކަތްތައް ފަށާފައިވާކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މިކަން މި ދިމާވީ ރާއްޖޭގެ ފަތުރުވެރިކަން ވަރަށް ރަނގަޅަށް ދަނިކޮށް. އަނެއްކާ ސީޒަން ފެށެން މިދަނީ. މި ކަންތައް އަޅުގަނޑުމެން ނަގާނީ އެހެން ގައުމުތަކާ ތަފާތުކޮށް މަސައްކަތްކޮށް ފަތުރުވެރިންނަށް ރަނގަޅު ހިދުމަތެއް ދިނުމަށް،" އަލީ ވަހީދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިނިސްޓްރީ އިން ތޯމަސް ކުކް އާ ވެސް ބައްދަލުކޮށްފައިވާނެ ކަމަށެވެ.
ތޯމަސް ކުކް ބަނގުރޫޓުވުމާއެކު އެކުންފުނިން ރާއްޖެ އައިސްތިބި ފަތުރުވެރިންނަށް އެހީވުމަށް އެއާޕޯޓުގައި ވަނީ ހެލްޕު ޑެސްކެއްވެސް ގާއިމްކޮށްފަ އެވެ.
"މިހާރުވެސް އެޗްއައިއެޗްގައި އެބަތިބި ބައެއް ފަތުރުވެރިން. އެމީހުން ރާއްޖެ އައިސް ދާންޖެހޭ ތަނަކަށް ދާންވަންދެން އަޅުގަނޑުމެން އެމީހުންނަށް ހިދުމަތް ދެމުން މިދަނީ،" މިނިސްޓަރު ވިދާޅުވީ ތޯމަސް ކުކްއާއެކު ރާއްޖެ އަންނަ ފަތުރުވެރިންނާ މިނިސްޓްރީގެ ފަރާތުން ޕާސަނަލީ ބައްދަލުކުރަމުންދާ ކަމަށެވެ.
"މިކަން މިގޮތަށް މިކުރެވެނީ އިންޑަސްޓްރީގެ ފަރާތުން، މަޓީގެ ފަރާތުން ރިސޯޓުތަކުން ވަރަށް ބޮޑު އެއްބާރުލުމެއް ދެމުންދާތީ،" މިނިސްޓަރު ވިދާޅުވި އެވެ.