13 Nov 2011, 09:40
ޤާހިރާ (އޮކްޓޯބަރ 13) : ސޫރިޔާގެ އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ހިންގަމުން މީހުން މެރުމުގެ ޢަމަލުތައް ހުއްޓާލުމަށް ސޫރިޔާ ސަރުކާރުން ދެކޮޅު ހެދުމުން ޢަރަބި ލީގުގެ މެންބަރުކަމުން ސޫރިޔާ ވަގުތީ ގޮތުން އެއްފަރާތްކޮށް ސޫރިޔާ ސަރުކާރަށް އަދަބު ދިނުމަށް ޢަރަބި ލީގުން ނިންމައިފިއެވެ.
ޢަރަބި ލީގުގެ ސެކްރެޓޭރިއަޓާ ޙަވާލާދީ އަލްޖަޒީރާ ބުނިގޮތުގައި މިގޮތަށް ނިންމީ އިއްޔެ ޤާހިރާގައި ބޭއްވި ޢަރަބި ޚާރިޖީ ވަޒީރުންގެ ކުއްލި ބައްދަލުވުމުގައެވެ. ސޫރިޔާއަށް ދިނުމަށް ޢަރަބި ލީގުން ނިންމި އަދަބުތަކުގެ ތެރޭގައި އެޤައުމުގައި ތިއްބަވާ ޢަރަބި ޤައުމުތަކުގެ ސަފީރުން ބާލައި ޢަރަބި ލީގުގެ ދަށުން ހިނގާ ހުރިހާ މުއައްސަސާ ތަކަކުންވެސް ސޫރިޔާ ވަގުތީގޮތުން އެއްފަރާތްކުރުމަށްފަހު ސޫރިޔާގެ އިދިކޮޅު ފަރާތްތަކާ ސީދާގޮތެއްގައި ވާހަކަތައް ފެށުން ހިމެނެއެވެ.
މީގެއިތުރުން ސޫރިޔާ ރައްޔިތުން ތަމްޘީލްކުރާ ފަރާތެއްގެ ގޮތުގައި އެޤައުމުގެ ސަރުކާރުގެ ބަދަލުގައި އިދިކޮޅު އިންތިޤާލީ މަޖިލިސްއަށް އިޢްތިރާފްވާންޖެހިދާނެ ކަމުގެ އިންޒާރުވެސް ޢަރަބި ލީގުންވަނީ ދީފައެވެ. ސޫރިޔާގެ ސަރުކާރާ ދެކޮޅަށް ރައްޔިތުންގެ ގިނަބަޔަކު އުތުރި އަރަމުންގެންދާތާ މިހާރުވަނީ 7 މަހަށްވުރެ ގިނަދުވަސްވެފައެވެ. މިމުއްދަތުގައި ސޫރިޔާގެ ސަލާމަތީ ބާރުތަކުން ބަޑިޖެހުމުގެ ސަބަބުން ޢާންމު ރައްޔިތުންގެ 3500 އަށްވުރެ ގިނަބަޔަކު މަރުވެފައިވާއިރު ޒަޚަމްވެފައިވާމީހުންގެ ޢަދަދު އެތަށް ހާހަކަށް އަރާކަމަށް ރިޕޯޓްތައް ބުނެއެވެ.
ސަރުކާރާ ދެކޮޅަށް ސުލްޙަވެރި މުޒާހަރާތައްކުރާ ރައްޔިތުންނާ ދެކޮޅަށް ބާރުގެ ބޭނުން ނުކުރުމަށާއި ޢާންމުން ދިރިއުޅޭ ތަންތަނުގައި ރުކުރުވާލާފައިވާ ބަރުހަތިޔާރުތައް ނެގުމަށް ޢަރަބި ލީގާއެކު ސޫރިޔާ އެއްބަސްވި އެއްބަސްވުމާ އެޤައުމުގެ ސަރުކާރުވަނީ ޚިލާފްވެފައެވެ. މިއެއްބަސްވުމަށްފަހުވެސް ފާއިތުވި ދެހަފްތާތެރޭގައި ސަރުކާރުގެ ޙަމަލާތަކުގައި 60 އަށްވުރެގިނަ ޢާންމުންވަނީ މަރާލާފައެވެ. ސޫރިޔާވަނީ ޢަރަބި ލީގުގެ ނިންމުން ކުށްވެރިކޮށް އެއީ ޢަރަބި ލީގުގެ ޗާޓަރާ ޚިލާފް ނިންމުމެއް ކަމަށް ސިފަކޮށްފައެވެ. (އަލްޖަޒީރާ)