13 Nov 2011, 09:33
ރޯމް (ނޮވެމްބަރ 13) : އިޓަލީގެ ބޮޑުވަޒީރު ސިލްވިޔޯ ބަލުސްކޯނީ މަޤާމުން އިސްތިއުފާ ދެއްވައިފި އެވެ.
އިޓަލީގެ ރައީސް ޖޯޖޯ ނަބުލިތާނޯގެ އޮފީހުން ބުނި ގޮތުގައި ބަލުސްކޯނީގެ އިސްތިއުފާ ޤަބޫލުކުރެއްވުމަށް ފަހު ރައީސް ނަބުލިތާނޯ ވަނީ އައު ސަރުކާރެއް އެކުލަވާލުމުގެ މަޝްވަރާތައް އިޓަލީގެ ލީޑަރުންނާ އެކު ފައްޓަވާފަ އެވެ.
މިމަޝްވަރާތަކަށް ފަހު އައު ސަރުކާރު އެކުލަވާލުމުގެ ކަންތައް ރައީސް ޙަވާލުކުރައްވާނެ ކަމަށް ބެލެވެނީ މާރިޔޯ މޮންޓީނީއާ ކަމަށް ޚަބަރުތައް ބުނެ އެވެ. މޮންޓީނީއަކީ ޔޫރަޕްގެ އިއްތިޙާދުގެ ކޮމިޝަނަރު ކަމުގެ މަޤާމް އަދާކުރައްވާފައިވާ އިޓަލީގެ ތަޖްރިބާކާރު ބޭފުޅެކެވެ. އޭނާ އެކުލަވާލައް ވާނީ ޓެކްނޮކްރޭޓުން މައްޗަށް އެކުލެވޭ ކުޑަސަރުކާރެއް ކަމަށް ވެސް ވަނީ ބެލެވިފަ އެވެ.
ބަލުސްކޯނީ މަޤާމުން އިސްތިއުފާ ދެއްވީ ގްރީސް ފަދައިން އިޤްތިސާދީ ދަތިތަކުގެ ވަޅުގަނޑަކަށް އިޓަލީ ވެއްޓުމާ އެކު އެއިން ޤައުމު ސަލާމަތްނުކުރެވިގެންނެވެ. ޚާއްސަކޮށް މިވަޅުގަނޑުން އިޓަލީ ސަލާމަތް ކުރުމަށް ޔޫރަޕްގެ އިއްތިޙާދުން ހުށަހެޅި ޚަރަދު ކުޑަކުރުމުގެ ޕްލޭން އިޓަލީގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ ބޮޑު އައްލަބިއްޔަތަކުން ފާސްކުރުމާ އެކު މަޤާމުގައި ހުންނެވުމަށް ޢަމަލީ ގޮތުން ދަތިފުޅުވެގެންނެވެ. މި ޕްލޭން ފާސްކުރުމަށް ފަހު ސަރުކާރަށް އިތުބާރު އޮތްތޯ ބެލުމަށް ބަލުސްކޯނީ ކުރެއްވި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ.
އިޓަލީ އިޤްތިސާދީ އަނދަވަޅަކަށް ވެއްޓުނީ ޤައުމަށް ލިބޭ އާމްދަނީއަށް ވުރެ ޚަރަދުތައް ބޮޑުކޮށް ޤައުމު ހިންގަމުން ގެންދާތާ ޒަމާންތަކެއް ވުމާއެކު ޤައުމުގެ ދަރަނީ 1.9 ޓްރިލިޔަން ޔޫރޯ އަށް އެރުމާގުޅިގެންނެވެ. (އަލްޖަޒީރާ)