ދެހާސް ތޭވީސްވަނަ އަހަރު އައުމުގެ ކުރިން ސިންގަލް ޔޫސް ޕްލާސްޓިކް ނުވަތަ އެއް ފަހަރު ބޭނުންކުރުމަށްފަހު އުކާލާ ޕްލާސްޓިކް ރާއްޖެއިން ނައްތާލަން މަސައްކަތްކުރަމުން އަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އދ.ގެ 74 ވަނަ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަމުން ރައީސް ސޯލިހު ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކުން ސަލާމަތްވުމަށް ބައިނަލްއަގްވާމީ ފެންވަރުގައި އެކަށީގެންވާ ފިޔަވަޅުތަކެއް މިހާތަނަށް އެޅިފައި ނުވާތީ އެކަމާ ރައީސް ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ ކުޑަކުރުމަށް ފާއިތުވި 30 އަހަރު ރާއްޖެއިން ވަކާލާތުކޮށްފައި ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެ ފަދަ ކުދި ގައުމުތައް ނެތިދިއުމުގެ ބިރު އޮތް މިންވަރު ބޮޑުކަމުން ކަމުގައި އެމަނިކުފާނު މިރޭ ވިދާޅުވިއެވެ.

ރޭ އދގެ އާންމު މަޖިލީހުގެ ހަވާސާގައި އޮތް ކްލައިމެޓް އެކްޝަން ސަމިޓުގައި ރައީސް ސޯލިހު ވަނީ "މޯލްޑިވްސް ސްމާޓް ރެސިލިއެންޓް އައިލެންޑްސް އިނިޝިއޭޓިވް" މޮޑެލްގެ ވާހަކަފުޅު ދައްކަވާފައެވެ. މިރޭ އާންމު މަޖިލީހުގައި ތަގުރީރުކުރައްވަމުން ރައީސް ވިދާޅުވީ މި މޮޑެލްއަކީ ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ބޭނުންތެރި މޮޑެލްއަކަށް ވާނެކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

"ކްލައިމެޓް ސްމާޓް ރެސިލިއަންޓް އައިލެންޑް އިނިޝިއޭޓިވް" މޮޑެލް މައިގަނޑު ގޮތެއްގައި އަމާޒުހިފާފައި ވަނީ ތިމާވެއްޓާ ބެހޭ މައިގަނޑު 11 ދާއިރާއަކުން ހާސިލުކުރާނެ ކަންތައްތަކެއްގެ މައްޗަށެވެ. އޭގެ ތެރޭގައި އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކުގެ ބޭނުންކުރުން ހުއްޓާލުމާއި، ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއް ކަނޑައެޅުމާއި، އައު އީޖާދުތަކުގެ އެހީހޯދުމާއި، އެއް ރަށާއި އަނެއް ރަށާ ދަތުރުފަތުރުން ގުޅުވާލުމާއި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި، ތިމާވެއްޓާ ރަހުމަތްތެރި ފަތުރުވެރިކަން ކުރިއެރުވުމާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުންތައް ކުޑަވާނެ ގޮތަކަށް އުމްރާނީ ތަރައްގީ ގެނައުމާއި، އިޔާދަކުރަނިވި ހަކަތައިގެ ބޭނުން ހިފުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުން ހިމެނެއެވެ.

ރާއްޖެ ޕްލާސްޓިކާ ދުރުކުރާނީ އެ މޮޑެލްގެ ދަށުންކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ 2023 ވަނަ އަހަރުގެ ކުރިން ރާއްޖޭގައި އެއްފަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލަން،" ރައީސް ސޯލިހު ވިދާޅުވިއެވެ. އަދި މިއީ ޕްލާސްޓިކާ ދެކޮޅަށް ދުނިޔޭގެ އެހެން ގައުމަކުން ނުފަށާ ވަރުގެ ބޮޑު މަސައްކަތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިރޭ ރައީސްގެ ތަގުރީރު ފެއްޓެވީ ދުނިޔެ ދާ މިސްރާބުން ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަ ކުރައްވަމުންނެވެ. އެގޮތުން ސުލްހަ ގެއްލެމުންދާ ކަމާއި، ނަސްލީ ތަފާތު ކުރުމާއި، ސިޔާސީ ހައްދުފަނައަޅާ ދިޔުމާއި، ޓެރަރިޒަމާއި ދުނިޔޭގެ ހޫނުމިން އިތުރުވުމާއި، ފަދަ ކަންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސްގެ ތަގުރީރުގައި ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުގެ އިތުުރުން، ޓެރަރިޒަމްއާއި، ރާއްޖެ ބައިނަލްއަގުވާމީ މައިދާނާ އަލުން ގުޅުމާއި، އިންސާފު ގާއިމް ކުރުމާއި، ޑިމޮކްރެސީއާއި، ޕަލަސްތީނާއި އިޒްރޭލުގެ މައްސަލައާ ބެހޭގޮތުންވެސް ވާހަކަފުޅު ދައްކަވައިފައެވެ.

ރައީސް ސޯލިހުގެ އދގައި ތަގުރީރު ކުރައްވާފައި މިވަނީ ރާއްޖޭގެ ރައީސަކު އދގައި ތަގުރީރު ނުކުރައްވާތާ ހަތް އަހަރު ފަހުންނެވެ.