24 Sep 2019, 22:25
ހަ އަހަރު ދުވަހަށްފަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކު އދގެ އާންމު މަޖިލީހުގެ އާންމު ބަހުސްގައި ތަގުރީރުކުރައްވައިފިއެވެ.
ރާއްޖޭގެ ދައުލަތުގެ އެންމެ އިސްވެރިޔާ، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ބޭފުޅަކު އެންމެ ފަހުން އދގެ އާންމު މަޖިލީހުގައި ތަގުރީރުކުރައްވާފައިވަނީ 2012 ވަނަ އަހަރުއެވެ. އޭރު ރައީސުލްޖުމްހޫރިއްޔާކަމުގައި ހުންނެވީ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ.
އޭގެ ހަ އަހަރު ފަހުން، މިރޭ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އދގެ 74 ވަނަ އާންމު މަޖިލީހުގައި ތަގުރީރުކުރައްވާފައެވެ.
ރައީސް ތަގުރީރުގައި ވިދާޅުވީ ނޮވެމްބަރު 2008 ގައި ރާއްޖެއިން ފެށި ޑިމޮކްރަސީގެ ދަތުރު މަދު އަހަރުތަކެއްގެ ތެރޭގައި ހުއްޓުނު ކަމަށާއި، އޭގެ ފަހަތުގައި ހުރީ ކުރީގެ ހުދުމުޚްތާރު ނިޒާމުގެ އަސަރުތައް ކަމަށެވެ.
"ޖުޑިޝަރީ ހައިޖެކްވެ، ގާނޫނު ހަދާ މަޖިލީހާއި މުއައްސަސާތައް ހުއްޓި، އަދި ނޫސްވެރިންގެ އަނގަ ބަންދުވި. ސިޔާސީ ވާދަވެރީންނަށް އަބަދާއި އަބަދު ބިރުދައްކައި، އިދިކޮޅު ލީޑަރުން ޖަލަށް ލާފައި ނުވަތަ އަރުވާލާފައި. ބައިނަލްއަގުވާމީ މުޖުތަމައުން މިކަންކަމާ ދެކޮޅަށް ބަސް ބުނުމުން ސަރުކާރުން ފުރަގަސްދިނީ. ޑިމޮކްރަސީ އިޔާދަކުރަން ކޮމަންވެލްތުން ގޮވާލުމުން ސިޔާދަތަށް ބުރުއަރާކަމަށް ބުނެ އެ ޖަމާއަތުންވެސް ވަކިވީ. އެކަހެރިވުން ވެގެން ދިޔައީ ރާއްޖޭގެ އާންމު ޚާރިޖީ ސިޔާސަތަށް،" ރައީސް ސޯލިހު ސިފަކުރެއްވިއެވެ.
އެހެން ނަމަވެސް އެ ދުވަސްތައް ބަދަލުވީ ދިވެހި ރައްޔިތުންގެ ހިތްވަރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސިފަކުރެއްވިއެވެ. އަދި ދިވެހިރައްޔިތުން އެމަނިކުފާނާ މިއަދު ހަވާލުކޮށްފައިވާ ޒިންމާ އެމަނިކުފާނަށް ވަރަށް މުހިންމުކަމަށްވެސް ވިދާޅުވިއެވެ.
މުޅި ދުނިޔޭގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާއި ތިމާވެއްޓަށާއި ދުނިޔެއަށް ދިމާވަމުން އަންނަ ގެއްލުންތަކުގެ ވާހަކަ ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މި ވަގުތަކީ މުޅި ދުނިޔެވެސް އދއަށް ބޭނުންޖެހިފައިވާ ދަނޑިވަޅު ކަމަށެވެ.
"އދ އުފެދުނީ އިންސާނީ މިނިވަންކަމާއި އަމިއްލަ ގައުމިއްޔަތެއް ބިނާކުރުމުގެ ފުރުސަތު ކަށަވަރުކޮށްދޭ އަސާރުތަކެއްގެ މައްޗަށް ކަމަށް ވާތީ، ކުދި ގައުމުތަކަށްވެސް ބަސްބުނުމުގެ އިޚްތިޔާރު ލިބިދޭ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދުނިޔެއަށް މިވަގުތު ދިމާވެފައިވަނީ އެއްވެސް މީހަކަށް އެކަނި ހައްލުކުރެވޭނެ މައްސަލަތަކެއް ނޫން ކަމަށާއި، އެކަން ކުރެވޭނީ އެންމެން އެކުގައި ކަމަށެވެ.
"މި ސަބަބާހުރެ ބައިނަލްއަގުވާމީ މަސްރަހަށް އަޅުގަނޑުމެން އަލުން ނުކުމެ، ކުރިން ތިބި އެކުވެރިން އަލުން އިޔާދަކޮށް، އާ އެކުވެރިން ހޯދަމުން މި ދަނީ. ކޮމަންވެލްތާ ގުޅުމުގެ މަސައްކަތްވެސް މި ދަނީ ކުރަމުން. އަޅުގަނޑުމެންގެ އެދުމަކީ ރަނގަޅު ބައިނަލްއަގުވާމީ ޕާޓްނަރަކާށް ވުން،" ރައީސް ވިދާޅުވިއެވެ.
ރާއްޖެ އދގެ މެމްބަރަކަށްވީ 1965 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އަދި އެ އަހަރު އޮތް އާންމު މަޖިލީހުގައި ރާއްޖެއިން ބައިވެރިވެސް ވިއެވެ. އެ އަހަރުގެ މަޖިލީހުގައި ދިވެހިރާއްޖޭގެ ފަރާތުން ތަގުރީރުކުރެއްވީ އެމެރިކާގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު، އަހްމަދު ހިލްމީ ދީދީއެވެ.