24 Sep 2019, 21:09
މަޖީދީ މަގުގައި ބަހައްޓާ ފަޔާ ހައިޑްރަންޓް ސިސްޓަމްތަކުގެ މަސައްކަތް ނިންމުމަށްޓަކައި ސަރުކާރު ކަމާ ގުޅޭ މުއައްސަސާތަކާއެކު ޑިފެންސް މިނިސްޓްރީއިން ބައްދަލުވުމެއް ބާއްވައިފި އެވެ.
ޑިފެންސް މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ޑިފެންސް މިނިސްޓްރީއާއި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއާއި މާލޭ ސިޓީ ކައުންސިލާއި އެމްޑަބްލިޔު އެސްސީ އަދި ހައުސިންގ މިނިސްޓްރީގެ ޓެކްނިކަލް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ޑިފެންސް މިނިސްޓްރީއިން ބުނީ މިއަދުގެ ބައްދަލުވުމުގައި މަޝްވަރާ ކުރީ ފަޔާ ހައިޑްރަންޓް ސިސްޓަމް ބެހެއްޓުމުގެ މަޝްރޫއު އަލުން ފަށައި އެ މަސައްކަތް ވީހާވެސް އަވަހަށް ނިންމުމާ ގުޅޭ ގޮތުން ކަމަށެވެ.
މަޖީދީ މަގު އަލުން ހެދުމަށް މަސައްކަތްކުރި އިރު އެމަގުގައި 12 ފަޔާ ހައިޑްރެންޓު ބަހައްޓަން މަޝްރޫއެއް ފެށިއެވެ. އެ މަސައްކަްތ ކުރުމަށް ހަވާލު ކުރީ އެމްޑަބްލިއުއެސްސީ އާއި އެމްއާރުޑީސީއާ އެވެ. އެކަމަކު، އެ މަސައްކަތް ނިމިފައިނުވެ އެވެ.
އެމްއާރުޑީސީއާ ހަވާލުކުރީ މަޖީދީމަގު ކޮނެ، ހޮޅި ވަޅުލުމުގެ މަސައްކަތެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ 798،180 ރުފިޔާ އަށެވެ. އަދި އެމްޑަބްލިއުއެސްސިއާ ހަވާލުކޮށްފައިވަނީ މަޖީދީމަގުގައި އެޅުމަށް ބޭނުންވާ ހޮޅި ފޯރުކޮށްދިނުމާއި ހޮޅިގުޅުވުމުގެ ވެލްޑިން މަސައްކަތުގެ އިތުރުން މަޖީދީމަގުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ފަޔާ ހައިޑްރަންޓް ސިސްޓަމްތައް ސަޕްލައިކޮށް އިންސްޓޯލް ކުރުމުގެ މަސައްކަތެވެ. އެ މަސައްކަތް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވަނީ 3.9 މިލިއަން ރުފިޔާ އަށެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ އަބަދަށްފެހި މަގުގައި ހިނގި އަލިފާނުގެ ހާދިސާގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލު ކުރަން މަޖީދީ މަގުގައި ހުރި ފަޔާ ހައިޑްރެންޓުތައް ބޭނުން ނުކުރީ ކީއްވެތޯ ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދައިފައެވެ. އެ ދުވަހު އަލިފާން ކޮންޓްރޯލު ކުރެވުނީ އެއާޕޯޓުގެ ފަޔާ ލޮރީ ބޭނުންކޮށްގެން ފޯމު ޖަހައިގެންނެވެ.