އިއްޔެ ބ. އޭދަފުށީގައި ގަދަ ވައިގެ ސަބަބުން ރުކެއްގެ ފަނެއް "ވައިގެ ތެރޭގައި ހަރުލާފައި" ހުރި މައްޒަރު ދައްކުވައިދޭ ވީޑިއޯއަކަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފަ އެވެ.

ކޮންމެއަކަސް ފަނުގެ ވާހަކަ މީސް މީޑިއާގައި ވަރަށް ބޮޑަށް ހިނގައިފި އެވެ. ފަން "ވައިގެ ތެރޭގައި ހަރުލާފައި" ހުރި ގޮތާ ބެހޭ ގޮތުން އެކި މީހުން ވާހަަކަ ދައްކަނީ އެކި ގޮތްގޮތަށެވެ.

މޫސުމާ ބެހޭ ޓެކްނިކަލް ކަންކަން ދަންނަ މީހަކު ކިޔައިދިން ގޮތުގައި އެއްޗެއް އެގޮތަށް ނުވެއްޓި ވައިގެ ތެރޭގައި ހަރުލާފައި ހުންނާނީ ހުރިހާ ކޮޅަކުން އެއްވަރަކަށް ވައި ޖެހުމުންނެވެ. ވީޑިއޯއިން ފެންނަނީ އެފަދަ ހާލަތެއް ނޫން ކަމަށް އޭނާ ދެކެއެވެ. އެއީ ގުދުރަތީ ގޮތުން ވުން ނާދިރު ކަމެކެވެ.

އޭނާގެ ވާހަކައަށް އޭދަފުށީގެ ޒުވާނެއްގެ ވާހަކަތަކުން ބާރު ލިބެ އެވެ. އޭދަފުށިން ވާހަކަ ދެއްކި ޒުވާނާ ބުނި ގޮތުގައި ފަން ހުރީ ވައިގެ ތެރޭގައި "ހަރުލާފައެއް" ނޫނެވެ. އޭނާ ބުނި ގޮތުގައި ފަނާއި ރުކާއި އޮތީ ރޮއްޖަކުން ގުޅިފަ އެވެ. އެ ރޮއްޖަކީ ކުދިންތަކެއް އެރުވި ގުޑިއެއްގެ ރޮއްޖެއް ކަމަށް އޭނާ ކިޔައިދިނެވެ.

އެ ފަން ރުކާ އެކު ބަނދެވިފައި އޮތުމުން، އެއް ކޮޅަކަށް، އެއް ބާރުމިނަކަށް ވައި ޖެހުމުން، ފަން ވައިގެ ތެރޭގައި ހަރުލާފައި ހުރި ކަމަށް ހީވަނީ ކަމަށް އޭނާ ކިޔައިދިނެވެ.

ވީޑިއޯއިން ފެންނަ އެ މަންޒަރު ދުށް މީހަކު ބުނި ގޮތުގައި އެ ފަން ވައިގެ ތެރޭގައި ހަރުލާފައި 15 މިނެޓު ހުއްޓެވެ. ވައި މަޑުވުމާ އެކު ތިރިވަމުން ގޮސް ފަން ފުރާޅެއްގެ މައްޗަށް ވެއްޓުނީ އެވެ.