24 Sep 2019, 20:12
ފ. މަގޫދޫ މެޖިސްޓްރޭޓު ކޯޓުގެ އިސް މެޖިސްޓްރޭޓު އަބްދުއްސައްތާރު ސުލެއިމާނުގެ މައްސަލައެއް ބަލަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފި އެވެ.
މިއަދު ބޭއްވި ޖޭއެސްސީގެ 66 ވަނަ ބައްދަލުވުމުގައި ނިންމާފައި ވަނީ އެ ކޮމިޝަނުން ތާވަލު ކުރި 23 މައްސަލައިގެ ތެރެއިން އަބްދުއްސައްތާރުގެ ސުލޫކީ މައްސަލައެއް ބެލުމަށެވެ. އެއީ ކޮން މައްސަލައެއް ކަމެއް ސާފެއް ނުވެއެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަނުން މި ފަހުން އަންނަނީ ގިނަ އަދަދެއްގެ ގާޒީންގެ މައްސަލަތައް ބަލަމުންނެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު ސިވިލް ކޯޓުގެ ގާޒީ ހުސެއިން ފާއިޒް ރަޝާދާއި ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބާއި ސިވިލް ކޯޓުގެ ގާޒީ ހަސަން ފަހީމާއި ލ. ދަނބިދޫ މެޖިސްޓްރޭޓު ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ ޝަރީފުގެ ސުލޫކީ މައްސަލަ ބަލަން އެ ކޮމިޝަނުން ނިންމާފައިވެއެވެ.
ޖޭއެސްސީގެ ލަފާގެ ދަށުން މަޖިލިހުން މިހާތަނަށް ދެ ގާޒީއަކު މަގާމުން ވަކިކޮށްފައިވެއެވެ. އެއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން އަބްދުﷲ ދީދީ (ޑީޑީ) އާއި ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް ކަމުން އިބްރާހިމް ރަޝީދު އެވެ.