ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިވަގުތު އެންމެ ހާލުގައި އޮތް ކުލަބު ކަމަށްވާ ވިކްޓްރީ ސްޕޯޓްސް ކުލަބުން ބަދަލު ކުރާނެ ކުޅުންތެރިޔަކާ ނުލައި މިއަދު ހަވީރު ކުޅުނު މެޗުގައި ނިލަންދޫ އަތުން ބަލިވެއްޖެ އެވެ.

ކުލަބުގެ މެނޭޖްމެންޓާއި ޓީމުގައި ތިބި ކުޅުންތެރިންގެ ވެސް އެއްބާރުލުން ނުލިބި ބޮޑު އަނދަވަޅަކަށް ވެއްޓިފައި އޮތް ވިކްޓަރީން މިއަދު ހަވީރު ކުޅުނު މެޗުން ބަލިވީ 0-6 ގެ ނަތީޖާ އަކުންނެވެ. ނަތީޖާ އެގޮތަށް ފެންނަން އޮތް ނަމަވެސް އެ ޓީމު އޮތް ހާލަތާއި މެޗުގައި ދެއްކި ކުޅުމަށް ބަލައި އެވަރުން ފުއްދާލުން ވެސް ވިކްޓަރީއަށް ވަރިހަމަ ވުމަކީ މިއަދު ފުޓުބޯޅައިގެ ހާލަތު އޮތް ހިސާބު ރަނގަޅަށް ދޭހަވާ ކަމެކެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކްލަބު ކަމަށްވާ އަދި މޮޅެތި ކުޅުންތެރިން މާޒީގައި ފެނިގެން ގޮސްފައިވާ ވިކްޓްރީ ސްޕޯޓްސް ކްލަބު މިއަދު ހަވީރު ދިރާގް ދިވެހި ޕްރިމިއަރ ލީގުގައި ކުޅުނު މެޗް ފެށުނީ ކުޅުންތެރިން ހަމަ ނުވެގެން 15 ވަރަކަށް މިނެޓް ލަހުންނެވެ. މިއަދުގެ މެޗަށް ކުޅުންތެރިން ހަމަވާނެ ކަމުގެ އެއްވެސް އުއްމީދެއް ނެތި ތިއްބައި ދެގޯލްކީޕަރުން ކުޅުންތެރިންގެ ގޮތުގައި ހިމަނައި ވިކްޓްރީ އިން ޓީމް ހަމަކުރިއެވެ. އެހެން ކަމުން މެޗް ކުރިއަށް ގެންދާގޮތަށް އެފްއޭއެމް އިން ނިންމިއެވެ.

މިއަދުގެ މެޗަށް ވިކްޓަރީން އެ ގޮތަށް ވެސް ހާޒިރު ނުވި ނަމަ އިތުރު 4000 ރުފިޔާގެ ޖޫރިމަނާ އެކުލަބަށް އަންނާނެ އެވެ. މިދިޔަ ބުރާސްފަތި ދުވަހު ގްރީންސްޓްރީޓާ ދެކޮޅަށް ކުޅުނު މެޗަށް ވެސް ވިކްޓަރީން ހާޒިރު ނުވުމުން އެފްއޭއެމުން ވިކްޓަރީއަށް ވަނީ ބޮޑު އަދަބެއް ދީފަ އެވެ.

ކުޅުންތެރިއަކަށް އަނިޔާވެގެންވެސް އަދި ވަރުބަލި ވެގެންވެސް ކުޅުންތެރިއެއް ބަދަލުކުރަންވެސް އިތުރު ކުޅުންތެރިއެއް ވިކްޓްރީގެ ބެންޗްގައި ނެތި މެޗް ފެށި އިރު ޓީމަށް އިރުޝާދު ދޭނެ ކޯޗެއް ވެސް ޓީމުގައި ނެތެވެ. މެޗު ފެށިގެން އިރުކޮޅެއްވީތަނާ އެޓީމުގެ ގޯލްކީޕަރަށް އަނިޔާވެ ދަނޑު މައްޗަށް ވެއްޓިފައި އޮތުން ރެފްރީ ބެންޗްއަށް އެހީދިނުމަށް އަރަން އެންގިއެވެ.

މިއަދުގެ މެޗްގައި އެޓީމުގެ ބެންޗުގައި ތިބި ދެ އޮފިޝަލުންގެ ތެރެއިން އެކަކު ކީޕަރަށްް އެހީ ދިނުމަށް އެރި ނަމަވެސް އެ އޮފިޝަލް އަތުގައި އެހީދޭނެ އެއްވެސް ވަސީލަތެއް ނެތުމުން އެންމެ ފަހުން ނިލަންދޫގެ ފަސްޓްއޭޑުން ދަނޑުމައްޗަށް އަރައި އިދިކޮޅު ޓީމުގެ ކުޅުންތެރިޔާއަށް ފަރުވާދޭން ޖެހުނެވެ. އެއީ މިވަގުތު ވިކްޓްރީ އޮތް ދަތި ހާލަތެވެ.

މިއަދުގެ މެޗުގައި ނިލަންދޫން ޖެހި ފުރަތަމަ ގޯލު ޖެހީ މެޗުގެ 24 ވަނަ މިނެޓުގަ އެވެ. އެ ގޯލު އެ ޓީމަށް ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު އަޑަކު ކުވެކޫ ލޫކަސް އެވެ. ޓީމުގައި ތިބި ދެ ގޯލު ކީޕަރުން ވެސް ކުޅެން އަރައިގެން ވިކްޓަރީން އެ ހާފުގައި ވަނީ ހިތްވަރާ އެކު ކުޅެފަ އެވެ. ނަމަވެސް ނިލަންދޫން އެ ހާފުގެ އިތުރު ވަގުތު އިތުރު ގޯލެއް ޖެހި އެވެ.

ދެވަނަ ހާފު ފެށިގެން ކުރިއަށްދިޔަ ވަރަކަށް ވިކްޓަރީގެ ޓީމުން ފެނުނީ ވަރުބަލި ކަމާ އެކު ކުޅުނު ތަނެވެ. ބަދަލު ކުރާނެ ކުޅުންތެރިއަކު ވެސް ނެތުމުން އިތުރު ގޮތެއް ނެތީމާ ވާނީ ވެސް އެހެންނެވެ. އެކަމުގެ ފައިދާ ނަގައި ނިލަންދޫން ވަނީ އެ ހާފުގައި ހަތަރު ގޯލު ޖަހައިފަ އެވެ.