ދިރާގުން ސްޕޮންސާކޮށްގެން މޯލްޑިވްސް ގޭމް ފިޝިންސް އެސޯސިއޭޝަން )އެމްޖީއެފްއޭ( އިން މުޅި ދުނިޔެ އަށް ހުޅުވައިލައިގެން ބޭއްވި މޯލްޑިވްސް ގޭމް ފިޝިން ޗެލެންޖް އިން އެއް ވަނަ އަށް ދިޔަ ދިވެހި ޓީމް ބައިނަލް އަގުވާމީ މަސްބޭނުމުގެ ތަޖުރިބާކާރުންނާ އެކު، ހަވާއީގައި ބާއްވާ ޗެންޕިއަންސް ލީގްގައި ބައިވެރިވުމުގެ ފުރުސަތު ލިބިއްޖެ އެވެ.

ހަވާއީގައި ބާއްވާ މުބާރާތަކީ އިންޓަނޭޝަނަލް ގޭމް ފިޝިން އެސޯސިއޭޝަން އިން ބާއްވާ މަސްބޭނުމުގެ އެންމެ ބޮޑު މުބާރާތެވެ. އެ މުބާރާތުގައި ރާއްޖެ އިން ބައިވެރިވާނީ އިއްޔެ ނިމުނު މޯލްޑިވްސް ގޭމް ފިޝިން އިން އެއް ވަނަ އަށް ދިޔަ ޓީމްގެ ހަ މަސްވެރިންނެވެ.

ތިން ދުވަހުގެ މުއްދަތައް ބަނޑޮހުގައި ބޭއްވި "މޯލްޑިވްސް ގޭމް ފިޝިން ޗެލެންޖް 2011 އިން އެސޯސިއޭޝަން ވިތު ދިރާގު"ގެ ޗެންޕިއަން ޓީމަކަށް ހޮވުނީ 443.7 ކިލޯގެ މަސް ބޭނި މީރު އައިލެންޑްގެ ރިސޯޓްގެ "މީރު" ޓީމެވެ. އަދި 380.6 ކިލޯގެ މަސް ބާނައިގެން ރަނަރަޕް ޓީމަށް ހޮވުނީ ބަނޑޮސް އައިލެންޑްގެ ޓީމެވެ. އަދި މުބާރާތުގައި ބޮޑު ހިބަރު ބޭނީ ބަނޑޮސް ޓީމުގެ ހުސައިން ނަސީމް އެވެ.

އޮސްޓްރޭލިއާގެ މާހިރަކު ރާއްޖެ ގެނެސްގެން ޖަޖުކުރި ފުރަތަމަ ބަނައިނަލް އަގުވާމީ މުބާރާތުގައި ބޭރު ގައުމުތަން ވެސް ބައިވެރިވެ އެވެ. މުޅި މުބާރާތުގައި ވާދަކޮށްފައި ވަނީ 12 މަސް ބޯޓެވެ. އެ ބޯޓްތަކުންގެ ތެރެއިން ބޮޑު ކާމީޔާބީއެއް ހޯދީ ދިވެހި ޓީމްތަކެވެ.

ދިރާގުގެ މާކެޓިން ޑިރެކްޓާ އަހުމަދު މައުމޫން ވިދާޅުވީ ކުރިއަށް އޮތް ތާނގައި ވެސް މިފަދަ މުބާރާތްތައް ދިރާގުން ސްޕޮންސާ ކުރާނެ ކަމަށާއި ބޭރުގެ ފަރާތްތަކާ އެކު ވާދަކޮށް ދިވެހިންގެ ތެރޭގައި މިކަމުގެ ފޯރި އިތުރުވެގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. މަސްބޭނުމުގެ ފަނަރަ ކެޓަގަރީއެއް ކަނޑައަޅާފައިވާ މުބާރާތާ ބެހޭ ގޮތުން އަހުމަދު މައުމޫން ވިދާޅުވީ ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކަނޑައަޅާފައިވާ މުބާރާތުގެ ގަވާއިދަށް ނުފެތޭ މަސްތައް ޓެގް ކުރުމަށް ފަހު މަސްތަކެއް ދޫކޮށްފައިވާ ކަމަށެވެ.

"ދެކެންބޭނުންވާ ކަމެއް މި މުބާރާތް އިތުރަށް ފުޅާވެ ރާއްޖެ އިން ބޭރުން ގިނަ ބައިވެރިން ބައިވެރިވެ، ރާއްޖޭގެ މަސްވެރިންނާ އެކު ފޯރިގަދަ ކުޅިވަރަކަށް ބަދަލުވެގެންދާތަން ބަލަން ފެނުން،"

އެމްޖީއެފްއޭ ވައިސް ޗެއާމަން އަހުމަދު ނަޒީރު ވިދާޅުވީ މޯލްޑިވްސް ގޭމް ފިޝިން ޗެލެންޖް ކޮންމެ އަހަރަކު ވެސް ބާއްވާނެ ކަމަށާއި ކުރިއަށް އޮތްތަނުގައި މި މުބާރާތް އިތުރަށް ފުޅާ ކުރާނެ ކަމަށެވެ. އެގޮތުން މިއަދު މަސް ބޭނުމަށް ކަނޑައަޅާފައިވާ ސަރަހައްދު މިއަންނަ އަހަރު ބޮޑުކޮށް ބޭރުގެ ފަރާތްތަކަށް ބައިވެރިވެވޭ ގޮތަށް ގައުމުތަކުގައި އިސްތިހާރު ކުރާނެ ކަމަށް ނަޒީރު ވިދާޅުވި އެވެ.