ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައި މިހާރު ކުރިއަށްދާ 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނު މެޗުން ބޫޓާން އަތުން އެއްވަރު ވުމުން ރާއްޖޭގެ ޒުވާން ޓީމަށް ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުވެއްޖެ އެވެ.

މިއަަދު މެންދުރު ކަތަމަންޑޫގެ އޭޕީއެފް ސްޓޭޑިއަމްގައި ރާއްޖެއާއި ބޫޓާން ބައްދަލު ކުރި މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. މި ނަތީޖާއާ އެކު ރާއްޖެ އެ މުބާރާތުގެ ސެމީއަށް ދަތުރު ކުރީ ގުރޫޕްގެ ދެވަނައިގަ އެވެ. އެ ގުރޫޕުގެ އެއްވަނައިގެ ގޮތުގައި ސެމީއަށް ދަތުރު ކުރީ މިއަދުގެ މެޗުގައި ރާއްޖެއާ ވާދަކުރި ބޫޓާން އެވެ.

ބޫޓާނާއި ރާއްޖެ މިއަދު ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ// އެފްއޭއެމް

ރާއްޖެއާ އެއް ގުރޫޕެއްގައި ދެން އޮތީ އެންމެ ފަހުގެ ޗެމްޕިއަން ނޭޕާލެވެ. އެ ޓީމު ވަނީ މިދިޔަ މެޗުގައި ބޫޓާން އަތުން 0-3 ގެ ނަތީޖާއަކުން ބަލިވެފަ އެވެ. އަދި ރާއްޖެއާ ބައްދަލު ކުރި މެޗުން ވެސް ނޭޕާލް ވަނީ އެއްވަރުވެފަ އެވެ. އެހެން ކަމުން އަމިއްލަ ގައުމުގައި ކުޅުނު އެއްވެސް މެޗަކުން މޮޅު ނުވެ ނޭޕާލް ވަނީ ކަޓައިފަ އެވެ.

މިއަދުގެ މެޗަށް ރާއްޖެއިން ނުކުތް އިރު ސެމީއަށް ދިއުމަށް އޮތް ޕްރެޝަރު ކުޑަ އެވެ. ސަބަބަކީ މިއަދުގެ މެޗުން މޮޅު ވިޔަސް އަދި އެއްވަރު ކޮށްލައިގެން ވެސް ސެމީއަށް ދެވޭނެތީ އެވެ. އެހެން ނަމަވެސް މިއަދު ބޫޓާނާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗަކީ ޖުމްލަ ގޮތެއްގައި ވާދަވެރިކަން ބޮޑުވި މެޗެކެވެ.

އެ މެޗުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު އެންމެ ފާހަގަ ކޮށްލެވެނީ ދިވެހި ގޯލު ބެލެހެއްޓި ގޯލްކީޕަރު ހަސަން އަލީފްގެ ކުޅުމެވެ. އޭނާ ވަނީ މިއަދުގެ މެޗުގައި ވެސް މޮޅެތި ސޭވް ތަކެއް ކޮށްފަ އެވެ.

މުބާރާތުގެ ސެމީ ފައިނަލުގައި ރާއްޖެ ކުޅެން ޖެހޭ ޓީމެއް އެނގޭނީ މާދަމާ ގްރޫޕް ބީގެ ފަހު މެޗުގައި އިންޑިއާ އާއި ލަންކާ ބައްދަލުކުރާ މެޗަށް ފަހު އެވެ. އެ މެޗުން އިންޑިއާ 3-0 އަށް ވުރެ ތަފާތު ބޮޑު ނަތީޖާ އަކުން މޮޅުވެއްޖެނަމަ ސެމީގައި ބައްދަލުކުރާނީ ރާއްޖެ އެވެ. އަނެއް ސެމީގައި ކުޅޭނީ ބޫޓާނާއި ބަންގްލަދޭޝް އެވެ.

ޓީމުގެ މެނޭޖަރު އަހްމަދު ފަވާޒް ބުނީ ޓީމުން މިއަދު ދެއްކީ މޮޅު ކުޅުމެއް ކަމަށާއި މިފަހަރުގެ އަމާޒަކީ ތަށި ހޯދުން ކަމަށެވެ.

"ޓީމަށް މިހިސާބަށް އާދެވުނީތީ އުފާކުރަން. އުންމީދަކީ ތަށި ހޯދުން. ރަނގަޅު ރޫހެއްގައި ޓީމު އޮތީ،" ފަވާޒް ބުންޏެވެ.

ބޫޓާނާ ގްރޫޕް ބީގެ އެއް ވަނަ ހޯދާ ޓީމު ސެމީ ފައިނަލުގައި ވާދަކުރާ މެޗު އޮންނާނީ އަންނަ ހުކުރު ދުވަހު ރާއްޖެ ގަޑިން ހެނދުނު 10:15 ގަ އެވެ. ރާއްޖެ ކުޅޭ ސެމީ ފައިނަލް މެޗު އޮންނާނީ ހުކުރު ދުވަހުގެ މެންދުރު ފަހު 2:15 ގަ އެވެ.